ޚަބަރު

ބަލިމީހުން އިތުރުވެ، ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ފުރިއްޖެ


ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެ، ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ އެނދުތައް ފުރިއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ އެތެރެހަށީގެ ބަލިތަކުގެ ޚާއްޞާ ޑޮކްޓަރު ޑރ.މުޙައްމަދު ޢަލީ ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ނުވަތަ ޑީއެޗް 11 މިހާރު ފުރިފައިވާކަމަށެވެ. އެގޮތުން 9 މީހަކު އެޑްމިޓްކޮށްފައި ވާއިރު އެތަނުގައި 6 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަކަމަށް ޑރ.މުޙައްމަދު ޢަލީ ވިދާޅުވިއެވެ. އަދި މާބަނޑު މީހެއްގެ ޙާލަތު ވަރަށް ސީރިއަސްވެ ވެންޓިލޭޓަރަށް ލާންޖެހޭ ޙާލަތުގައިވާކަމަށް ޑރ.މުޙައްމަދު ޢަލީ ވިދާޅުވިއެވެ. އޭނާގެ ޙާލަތު މީގެ ކުރިން މާބަނޑު މީހަކު މިބަލީގައި ސީރިއަސް ނުވާމިންވަރަށް ސީރިޔަސް ޙާލަތަކަށް ގޮސްފައިވާކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

"ކޯވިޑް ނިއުމޯނިއާގެ ޙާލަތު އިތުރަށް ގޯސްވެ 3 މީހަކު ބަންޑުން ޖަހައިގެންވެސް ފަރުވާދޭން ފަށައިފިން. އުއްޑުން އޮންނައިރު އޮކްސިޖަން ވަންނަ މިންވަރު މަދުވާނެ، އެއީ ހޮޅިތަކުން އޮކްސިޖަން ނުވަތަ ވައި ނުވަންނަނަމަ އެ ބަލިމީހާ ބަންޑުން ޖަހާނެ. އެއީ މުޅި ދުނިޔޭގައިވެސް ޢަމަލުކުރާގޮތް ފަރުވާ ދިނުމަށް. ނަމަވެސް ވެންޓިލޭޓަރުގައި ބަލިމީހާ ބާއްވަން ޖެހޭނީ ކިހާ މުއްދަތަކުކަމެއް ނޭނގޭނެ." ޑރ.މުޙައްމަދު ޢަލީ ވިދާޅުވިއެވެ.

މިގޮތަށް ގިނަބަޔަކަށް ފަރުވާ ދޭންޖެހޭނަމަ އިންޑިއާގެ ޙާލަތަށް ރާއްޖެވެސް ހިނގައިދާނެކަމަށާ، ސަބަބަކީ ބަލި މީހުންނަށް ފަރުވާދިނުމަށް އެއްބަޔަކު ތިބޭއިރު ސިއްޙީ ޚިދުމަތްތެރިން މަދުކަން ކަމުގައި އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެ ކޮންމެ ދުވަހަކުވެސް ރެކޯޑް ޢަދަދަކަށް މީހުން ޕޮޒިޓިވްވަމުން ދާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 601 މީހަކު ޕޮޒިޓިވްވިއެވެ. އޭގެ ތެރެއިން ގިނަައީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އެގޮތުން 440 މީހަކު މާލެ ސަރަހައްދުން ޕޮޒިޓިވްވިއެވެ. އަދި މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 181 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރ މުޙައްމަދު ޢަލީ ވިދާޅުވީ ރާއްޖޭގައި ކޯވިޑް-19ގެ އައު ވޭރިއަންޓްތަކެއް އުޅޭކަމަށް ބެލެވޭކަމަށެވެ.