ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގައި އާންމުން ތަމްސީލްކުރާ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި އެ މަޤާމަށް 8 ބޭފުޅަކު ކުރިމަތިލައިފިއެވެ. މިއީ ރައްޔިތުންގެ މަޖިލީހުން މިދިޔަ މިދިޔަ މަހު ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނެވެ.
ޤާނޫނުއަސާސީއާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން ޖޭއެސްސީއަށް އާންމުންގެ ތެރެއިން މެންބަރަކު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ވުމާއެކު އެ މަޤާމަށް ކުރިމަތިލުމަށް މި މަހުގެ 3ވަނަ ދުވަހާ ހަމައަށް މަޖިލީހުން އެ ފުރުސަތު ހުޅުވާލިއެވެ.
މި މަގާމަށް ކުރިމަތިލެވޭނީ އުމުރުުން 30 އަހަރުވެފައިވާ ދިވެހިންނަށެވެ. އަދި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމާއި ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ ނުވަތަ އައްޔަނުކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމަކީވެސް އާންމުންގެ ފަރާތުން ޖޭއެސްސީއަށް އައްޔަން ކުރައްވާ މެންބަރުގެ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތަކެކެވެ.
މީގެ އިތުރުން ޖޭއެސްސީއަށް އައްޔަން ކުރައްވާ މެންބަރަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކު ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހެއް ކަމުގައިވެސް ވެގެން ނުވާނެކަމަށް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
ރައްޔިތުންގެ މަޖިލީހުން ހުޅުވާލި ފުރުސަތުގައި 8 ބޭފުޅަކު އެ މަގާމަށް ކުރިމަތިލާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވިއެވެ. މި ބޭފުޅުންގެ ނަންތައް ދިރާސާ ކުރެއްވުމަށް ރިޔާސަތުން ވަނީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވާފައެވެ.
- އަލްއުސްތާޛް އިބްރާހިމް ޒާހިދު/ ލިލީމާގެ، ގދ. ވާދޫ
- އަލްއުސްތާޛް އަހުމަދު ޢަލީ/ ހުޅުމާލެ، ފްލެޓް 108-ޖީ-1
- އަލީ އާމިރު/ މއ. ޕެންޒީވިލާ
- އިދުރީސް ފައުޒީ/ ފަހިވާގެ، ލ. ކަލައިދޫ
- އަލްއުސްތާޛް އަހުމަދު ޝާފިއު/ އުދަރެސް، ހއ. އިހަވަންދޫ
- ޑރ. ހުސައިން ފާއިޒު/ ދަފްތަރު ނަންބަރު ރ.ސ. 1325
- އަލްއުސްތާޛް ހަސަން ވަހީދު/ ރަންކޮކާގެ، ހދ. ކުރިނބި
- އަލީ މުޙައްމަދު މަނިކު/ ދަފްތަރު ނަންބަރު ރ.ސ. 1851
ޖޭއެސްސީގެ މެންބަރެއްގެ ދައުރަކީ ފަސް އަހަރެވެ. އެއް ދައުރު ހަމަ ކުރުމަށްފަހު ޖޭއެސްސީއަށް އެ މީހަކު ދެވަނަ ފަހަރަށް އައްޔަން ނުކުރެވޭނެއެވެ. ޖޭއެސްސީ އެކުލެވިގެންވަނީ 10 މެންބަރުންގެ މައްޗަށެވެ. މިވަގުތު އެ ކޮމިޝަންގައި އާންމުން ތަމްސީލް ކުރައްވާ މެންބަރަކީ ޑރ. އައިމިނަތު އުއްމުކުލްޘޫމެވެ. އެ މަގާމަށް މެންބަރަކު އައްޔަން ކުރަން ހުޅުވާލީ ޑރ. އައިމިނަތު އުއްމުކުލްޘޫމްގެ މަގާމުގެ މުއްދަތު ހަމަވާތީއެވެ.