ޚަބަރު

އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއް މަހަށް ދަމަހައްޓައިފި


އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއް މަސްދުވަހަށް ދަމަހައްޓައިފިއެވެ. މިއީ މިމުއްދަތު އިތުރުކުރި 15ވަނަ ފަހަރުއެވެ.

ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް ސޮއިކުރައްވާ ނެރުއްވާފައިވާ ޤަރާރުގައިވަނީ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރުކޮށްފައިވަނީ، ރައްޔިތުންގެ ސިއްޙަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމުގެ މަތިންކަމަށެވެ. އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދަމަހައްޓާފައިވަނީ އަންނަ ޖޫންމަހުގެ 3ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިރުކުރި 15ވަނަ ފަހަރެވެ. މި ޙާލަތު އިތުރުކުރަމުންދަނީ ކޮންމެ 30 ދުވަހަކުންނެވެ.

ހާލަތު ދެމެހެއްޓުމަށް ނިންމާފައިވާއިރު ކޯވިޑް-19ގެ ކޭސްތައް އެހެން އެއްވެސް ދުވަސްވަރެއްގައި ނުދާހާ މައްޗަށް އަރާ، ބަލީގެ ނުރައްކާވަނީ ބޮޑުވެފައެވެ. ކޯވިޑުގެ އެކި ރާޅުތަކާ ރާއްޖެއިންވެސް ކުރިމަތިލާފައިވާއިރު، މިވަގުތަކީ ރާއްޖޭގައި ބަލީގެ އަދަދު އެންމެ މައްޗަށް ގޮސްފައިވާ ދަނޑިވަޅެވެ.

ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހު ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ ޢަދަދުތައް މުޅިންވެސްހުރީ 300އިން މަތީގައެވެ. ނަމަވެސް ވޭތުވެދިޔަ 24 ގަޑިއިރުގެ ތަފާސްހިސާބަށް ބަލާއިރު މި ޢަދަދުވަނީ 500އިން މައްޗަށް އަރާފައެވެ. މިހާތަނަށް އައިއިރު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 31000އަށް އަރާފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ރަނގަޅުވުމާ ގުޅިގެން ލުއިތައް ދިނީ މީގެ ދެ މަސްކުރިންނެވެ. ނަމަވެސް އަނެއްކާވެސް ޙާލަތު ގޯސްވުމާ ގުޅިގެން ފިޔަވަޅުތައްވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން އޮފީސްތަކާ ސްކޫލްތައް ބަންދުކުރުމާ، ވެހިކަލް ދުއްވުން މަނާ ގަޑިތައް ކަނޑައެޅުމާއި، ކުޅިވަރު ހަރަކާތްތައް ހުއްޓާލުމާ އަދި ޕާކުތަކާ މައިޒާންތައް ބަންދުކުރުމަށްވެސްވަނީ ނިންމާފައެވެ.