ޚަބަރު

ދިއްދޫން އިތުރު 6 މީހަކު ކޯވިޑަށް ޕޮޒިޓިވް، ޖުމްލަ އަދަދު 20އަށް


ހއ.ދިއްދޫން އިތުރު 6 މީހަކު ޕޮޒިޓިވްވެ، ޖުމްލަ ޕޮޒިޓިވްވީ މީހުންގެ އަދަދު 20 އަރައިފިއެވެ.

މިމަހުގެ އެއްވަނަ ދުވަހު ދިއްދޫން ފެނުނު ކޯވިޑް ކޭސްއާއި ގުޅިގެން ރޭ އެރަށުން ނެގި 121 ސާމްޕަލްގެ ތެރެއިން 6 މީހެއްގެ ސާމްޕަލްވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އަދި އޭގެ ތެރޭން 40 ސާމްޕަލް ނެގެޓިވް ވެފައިވާއިރު 75 ސާމްޕަލެއްގެ ނަތީޖާ ނުލިބޭ ކަމަށް ހއ އަތޮޅު ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

ދިއްދޫން ފެނުނު ކޯވިޑް ކޭސްއާއި ގުޅިގެން ޖުމްލަ 149 ސާމްޕަލް މިއަދާ ހަމަޔަށް ނަގާފައިވާއިރު އޭގެތެރެއިން 20 މީހުންގެ ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. އަދި 7ގެ ކަރަންޓީން ކުރެވިފައިވާ ކަމަށް އެހޮސްޕިޓަލުންވަނީ ބުނެފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އުޘްމާން އަޝްރަފް ވިދާޅުވީ އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރެއިން ޒުވާން އަންހެނަކު ހާލު ދެރަވެގެން އިތުރު ފަރުވާއަށް ށ. އަތޮޅު ކޯވިޑް ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށާއި އޭނާއަކީ ހައިރިސްކު މީހެއްކަމަށްވެސް އަޝްރަފް ވަނީ ވިދާޅުވެފައެވެ. އަދި ދިއްދޫއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިރޭވެސް އިތުރު ސާންޕަލްތަކެއް ނެގުމަށް ހަމަޖެހިފަވާކަމަށް އެއަތޮޅު ހޮސްޕިޓަލުން މައުލުމާތުދެއެވެ.

ދިއްދޫއިން އެންމެ ފުރަތަމަ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ މި މަހުގެ އެއް ވަނަ ދުވަހުއެވެ. އެރަށުން ޕޮޒިޓިވްވެފައިވަނީ ބަލީގެ އަލާމާތްތަކެއް ހުރެގެން އެރަށުގަ ހުރި ފްލޫކުލިނިކަށް ދެއްކި މީހެކެވެ. ދިއްދޫން މީހަކު ޕޮޒިޓިވްވުމުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ ދިއްދޫ މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.