ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އަލަށް އަޅާ އިމާރާތާއެކު އެހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ވަރަށްބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ހޮސްޕިޓަލްގެ މެނޭޖަރ އަހުމަދު ދާއޫދު ވިދާޅުވެއްޖެއެވެ.
ޕީއެސް އެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި މެނޭޖަރ ވިދާޅުވީ އެއިމާރާތް ކުރިން ހަދަން ނިންމާފައި އޮތީ ކޮންމެ ފަންގިފިލާއެެއްގައި 15 އެނދު ހިމެނޭ ގޮތަށް ދެ ފަންގިފިލާއަށްކަމަށެވެ. އެހެންނަމަވެސް ފަހުން ވަނީ 1 ފަންގިފިލާ އިތުރުކޮށް އެތަނުގައި 6 އެނދުގެ އައިސީޔޫއެއް ހަދާގޮތަށް ނިންމާފައެވެ.
6 އެނދުގެ އައިސީޔޫއާއެކު އައިސޮލޭޝަން ކިއުބިކަލްއަކާއި ބޭނުންވާ ހުރިހާ ވަސީލަތާއި އެކަށީގެންވާ ޖާގަޔާއެކު ފުރިހަމަ އައިސީޔޫއެއް ލިބިގެންދާނެކަމަށް މެނޭޖަރ ވިދާޅުވިއެވެ. މީގެއިތުރުން މިހާރު މެދުކަނޑާލެވިފައިވާ ބައެއް ބޮޑެތި އޮޕަރޭޝަންތައްވެސް މި އިމާރާތް ނިމި ޖާގައިގެ މައްސަލަ ހައްލުވުމުން އަލުން ފެށިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
""މިހާރު ކަކުލު ހުޅުގެ އޮޕަރޭޝަން މިވަނީ މެދުކެނޑިފަ. އެއީ ވަރަށް ގިނަދުވަހު ޕޭޝަންޓް އެޑްމިޓްކޮށްގެން ގެންގުޅެންޖެހޭ އޮޕަރޭޝަނެއް. ޖާގައިގެ މައްސަލަ ހައްލުވުމުން އަލުން މިއޮޕަރޭޝަން ތައްވެސް ފެށޭނެ."ކޭއާރުއެޗްގެ މެނޭޖަރ އަހުމަދު ދާއޫދު
މި މަޝްރޫޢުގެ ތެރޭގައި ލެބޯރެޓަރީގެ މަރާމާތުކުރުމުގެ މަސައްކަތާއި ވާރޑް އައިސީޔޫއާއެކު ވާރޑް އިމާރާތް އެޅުމުގެ އިތުރުން އޯ.ޕީ.ޑީ ސަރަޙައްދު މަރާމާތު ކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ބޭނުންކުރަމުންދާ 3 އިމާރާތް ކަމުގައިވާ ހޮސްޕިޓަލް އިމާރާތާއި އޮފީސް އިމާރާތާއި އުފަން ހިޔާ އިމާރާތް ވޯރކް ވޭއަކުން ގުޅާލުމަށް ހަމަޖެހިފައިވާކަމަށް މެނޭޖަރ ވިދާޅުވިއެވެ.
30.3 މިލިއަން ރުފިޔާގެ މިމަޝްރޫއުގެ މަސައްކަތް މިނިސްޓްރީ އޮފް ހެލްތުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މިމަސައްކަތުގެ ދެބައިކުޅަ އެއްބައި ނިމިފައިވާކަމަށާއި އޮގަސްޓް މަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭކަމަށް އެމްޓީސީސީން މަޢުލޫމާތުދެއްވައެވެ.