ޚަބަރު

ކޯވިޑާ ގުޅިގެން މާލީ ދަތިތައް ކުރިމަތިވި 50އަށްވުރެ ގިނަ ރިސޯޓަކަށް ފައިސާދެއްކުމުގައި ލުއިދިން


ކޯވިޑް-19ގެ ޙާލަތާ ގުޅިގެން މާލީގޮތުން ދަތިތައް ކުރިމަތިވި 50އަށްވުރެ ގިނަ ރިސޯޓަށް، ފައިސާ ދެއްކުމުގައި ލުއިދީފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިލްސިލާކޮށް ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މި ޙާލަތުގައި ސަރުކާރުން މަސައްކަތްކޮށްފައިވަނީ ވިޔަފާރިތައް ހުއްޓުމަކަށް ނައިސް ކުރިއަށްދެވޭނެ ގޮތްތައް ފަހިކޮށްދިނުމަށްކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާއަކީ ގިނަ ބަޔަކު ވަޒީފާ އަދާކުރާ ދާއިރާއަކަށްވެފައި، އެންމެ ރިސޯޓެއްގެ މަސައްކަތް ހުއްޓުނުނަމަވެސް އޭގެ އަސަރު އެތައް ބަޔަކަށް ކުރާކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެގޮތުން ރިސޯޓްތަކަށް މާލީގޮތުން ލުއިތައް ދިނުމަށް ނިންމާފައިވަނީ، އިކޮނޮމިކް ކައުންސިލްގެ މަޝްވަރާއާއެކުކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ މާލީ ގޮންޖެހުންތަކާ ކުރިމަތިވި ރިސޯޓްތަކަށް އެހީވުމުގައި ވަކި މަޤާމެއްގެ ހުރި މީހެއްގެ އަމިއްލަ މަސްލަހަތު ހިމެނޭގޮތަށް މަސައްކަތް ކޮށްފަ ނޯންނާނެކަމަށެވެ.

"އިކޮނޮމިކް ކައުންސިލުން ނިންމީ ކުއްޔާއި އެހެންވެސް ޓެކްސްތައް ދެއްކުމަށް އިތުރު މުއްދަތު ދިނުމަށް. ސަރުކާރުން ބޭނުމެއްނުވޭ ވަޒީފާތައް ގެއްލި ވިޔަފާރިތައް ހުއްޓޭކަށް. ހިންގުން ކުރިއަށްގެންދިއުމަށް މިފީތައް ދައްކާނެގޮތް ރީ ސްކެޖުއަލް މިކުރީ. ކުލި ނުދެއްކިގެން 50 ރިސޯޓެއް މިހިސާބަށް ދިޔަ." މަބްރޫކް އަޒީޒް ވިދާޅުވިއެވެ.

ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ބޯޑަރުތައް ބަންދުކުރުމުގެ ސަބަބުން، 2020ވަނަ އަހަރު ފަތުރުވެރިކަމުގެ މުޅި ނިޒާމު ހުއްޓުމަކަށްއައެވެ. ރިސޯޓުތައް ބަންދުކޮށް، އެތައް ބައެއްގެ ވަޒީފާ ގެއްލުނެވެ. 2020ވަނަ އަހަރު މިލިއަނުން ފަތުރުވެރިން ގެނައުމަށް ޢަމާޒުހިފި ނަމަވެސް، އަހަރު ނިންމާލީ 555213 ފަތުވެރިންނާއެކުއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ދިމާވި މާލީ ޙާލަތުން އަރައިގަތުމަށް ސްޓިއުމިއުލަސް ޕެކޭޖްތަކާއި، އަދި ވަޒީފާ ގެއްލުނު މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސްވަނީ ދީފައެވެ. ނަމަވެސް މިހާރު މަޑުމަޑުން މި ޙާލަތުން އަރައިގަނެވެންވަނީ ފަށާފައެވެ.

ވޭތުވެދިޔަ 4 މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއަށް 389000އަށްވުރެ ގިނަ ފަތުރުވެރިންވަނީ އައިސްފައެވެ.