ޚަބަރު

ހއ. ދިއްދޫން އިތުރު 14 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ހއ ދިއްދޫން އިތުރު 14 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މިއަދު އެރަށުން ޕޮޒިޓިވްވި 14 މީހުންނަކީ ހޮނިހިރު ދުވަހު އެރަށުން ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓުން ކަމަށް އެރަށު ހޮސްޕިޓަލުން ވިދާޅުވެއެވެ. ހއ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އުޘްމާން އަޝްރަފް ވިދާޅުވީ ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ހޮނިހިރު ދުވަހު ޕޮޒިޓިވް ވުމާގުޅިގެން އޭނާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ރޭވަނީ 28 މީހެއްގެ ސާމްޕަލް ނަގާފައެވެ. އޭގެ ތެރެއިން 14 މީހެއްގެ ސާމްޕަލް ޕޮޒިޓިވް ވެފައިވާއިރު އަނެއް 14 މީހުންގެ ސާމްޕަލް ނެގެޓިވް ކަމަށް އަޝްރަފް ވަނީ ވިދާޅުވެފައެވެ. މިއަދު ޕޮޒިޓިވްވި 14 މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭކަމަށް އެހޮސްޕިޓަލުންވަނީ މައުލުމާތު ދީފައެވެ.

އަޝްރަފް ވިދާޅުވީ މިހާތަނަށް ދިއްދޫގެ 4 ގެއެއް ކަރަންޓީން ކޮށްފައިވާ ކަމަށެވެ.

ހޯމްކަރަންޓީނުގަ ނެތް ފަރާތެއް ދިއްދޫން ޕޮޒިޓިވް ވުމާ ގުޅިގެން ކައުންސިލް އިދާރާއިން ވަނީ އެރަށުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން އާންމު އެއްވުންތަކާއި ޕާޓީތައް ނުބޭއްވުމާއި، ކުޅިވަރު ކުޅޭ ތަންތަނަށް ނުދިޔުމަށްވަނީ އަންގާފައެވެ. އަދި އެޗް.ޕީ.އޭގެ އުސޫލްތަކާ އެއްގޮތަށް ޓެކްސީގެ ޚިދުމަށް ދިނުމަށާއި، ފިހާރަތަކާއި ރެސްޓޯރެންޓްތަކުގައި ވަގުތުތައް ހޭދަ ނުކުރުމަށާއި އަދި އެތަންތަނަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ވެއްދުމަށް ސަމާލުކަން ދިނުމަށްވެސްވަނީ އަންގާފައެވެ. އަދި ބަލިން ރައްކާތެރިވުމުގެ ގޮތުން އާއްމު ސާފްތާހިރުކަމަށް ސަމާލުކަން ދިނުމަށްވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ކޯވިޑް ބަލި ރައްޔިތުންގެ މެދުގައި ފެތުރުމުގެ ފުރުސަތު ބޮޑުވެފައިވާތީ، އެކަމަށް ރައްޔިތުން ސަމާލްވުމަށްވެސް ކައުންސިލް އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ހޮނިހިރު ދުވަހުގެ ޕޮޒިޓިވް ކޭސްއާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ ދިއްދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. ރާއްޖޭގެ ކޯވިޑް ހާލަތު ގޯހުން ގޯހަށް ދިޔުމުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން ވެސް އެޗްޕީއޭއިން މިހާރުވަނީ މަނާކޮށްފައެވެ.