ސިއްހަތު

ބޮޑެތި ބަދަލުތަކަކާއި އެކު އައިޖީއެމްއެޗްގެ ލެބޯޓްރީ ހުޅުވަނީ


އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ލެބޯޓްރީ ކުރިން ހިންގެވި ތަން ރަނގަޅު ފެންވަރަކަށް މަރާމާތުކުރައްވައި، ޚިދުމަތްދިނުމުގެ އިންތިޒާމްތައް ރަނގަޅުކުރައްވައި އަންނަ ހަފްތާގައި ހުޅުއްވުމަށް ހަމަޖައްސަވައިފިއެވެ.އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުން ދެއްވާ ޚިދުމަތްތަށް އިތުރަށް ހަރުދަނާ ކުރެއްވުމުގެ ގޮތުން ފަށްޓަވައިފައިވާ މަސައްކަތްތަކުގެ ދަށުން މިހާރުކުރައްވާ އެއްކަމަކީ، އެތާނގެ ލެބޯޓްރީ ބޮޑުކުރެއްވުމުގެ މަސައްކަތެވެ. މިމަސައްކަތް ވީ އެންމެ އަވަހަށް ނިންމައި ހުޅުއްވުމަށް އެހޮސްޕިޓަލުން މިހާރު ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.މީގެ ކުރީން އައި.ޖީ.އެމް ހޮސްޕިޓަލުގެ ލެބޯޓްރީގައި ހުންނަނީ ހަތަރު ކައުންޓަރެވެ. އަދި ޑޮކްޓަރުން ދެއްވާ ތަފާތު ޓެސްޓްތަށް ހެދުމަށް ލެބޯޓްރީއަށް ދާއިރު ބައެއް ވަގުތުތަކުގައި ދިގު ކިޔޫއެއް އޮވެއެވެ. މިކަން ޙައްލުކުރެއްވުމަޓަކައި އެހޮސްޕިޓަލުން މިހާރު ވަނީ، ކުރީން ބްލަޑް ބޭންކްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ތަނާއި، ލެބޯޓްރީ ހިންގެވި ބައި ހިމެނޭގޮތަށް ލެބޯޓްރީ ބޮޑުކުރައްވާފައެވެ. ޚިދުމަތް ލިބިގަންނަ ޢާންމުން ތިބުމަށް ތަނަވަސް ވެއިޓިންގ އޭރިއާއެއް އެތަނުގައި ތައްޔާރުކުރައްވާފައެވެ. ހަމަ އެހެންމެ ތަނުގެ ޚިދުމަތްދޭ ކައުންޓަރުތަކުގެ އަދަދު ވަނީ އިތުރުކުރައްވާފައެވެ. ވެއިޓިންގ އޭރިއާގައި ވަކި ފާޚާނާތަކެއްވެސް ވަނީ ހައްދަވާފައެވެ. އައި.ޖީ.އެމް.އެޗްގެ ޑިރެކްޓަރ އަޙްމަދު މަރުސޫމް ވިދާޅުވީ، ކުރިއާ ޚިލާފަށް އެހޮސްޕިޓަލުގެ ލެބޯޓްރީން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ފަސޭހަގޮތްތަކެއް ހައްދަވައިދެއްވާފައިވާކަމަށެވެ.އައި.ޖީ.އެމް ހޮސްޕިޓަލުގެ ޚިދުމަތް ރަނގަޅުކުރެއްވުމަށް ކުރައްވާ މަސައްކަތުގެ ދަށުން އެމް.އާރު.އައި ސެންޓަރެއް ޤާއިމްކުރައްވައި، ހުސްވި ހަފުތާގައިވަނީ ހުޅުއްވާފައެވެ. މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައިވެސް އިތުރު ޚިދުމަތްތަކެއް ފަށްޓަވާނެކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.ލެބޯޓްރީ ބޮޑުކުރެއްވުމުގެ މަސައްކަތް މިހާރު ކުރިއަށްދާތީ އެތަނުގެ ބައެއް ޚިދުމަތްތައް މިހާރު ދެއްވަނީ، އެންމެ ތިރީބައި ހުންނަ، ކުރީގެ ރިޕްރަޑެކްޓިވް ހެލްތްކެއަރ ސެންޓަރު ހުރި ތަނުގައެވެ.