ޚަބަރު

ޕޮޒިޓިވް ކޭސްތައް އިތުރުވާނަމަ އާވޭރިއެންޓް އުފެދުމުގެ ފުރުސަތު އޮންނާނެ - ޓެގް


މާލޭގައި ބައްޔަށް ޕޮޒިޓިވްވާ ޢަދަދު އިތުރުވުމުގެ ސަބަބުން ބަލީގެ އާ ވޭރިއެންޓް އުފެދުމުގެ ފުރުސަތު އޮންނާނެކަމަށާއި އެހެންކަމުން އެކަމަށް ސަމާލުވުމަށް ޑރ.ނަޒްލާ މުސްތަފާ އެދިވަޑައިގެންފިއެވެ.

އެޗްއީއޯސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓެގް ޓީމުގަ ހިމެނިވަޑައިގަންނަވާ ޑރ.ނަޒްލާ މުސްތަފާ ވިދާޅުވީ މާލޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވޭތުވެދިޔަ ދެހަފްތާގައިވެސް އިތުރުވަމުން އަންނަ ކަމަށާއި އެގޮތުން ވޭތުވެދިޔަ 2 ހަފްތާގެ ތެރޭގައި ބައްޔަށް ޕޮޒިޓިވްވާ ނިސްބަތް 14 އިންސައްތައަށްވުރެ މައްޗަށް އަރާފައިވާކަމަށެވެ.
އެހެންކަމުން ވެކްސިން ދެމުންގެންދިޔަ ނަމަވެސް މާލޭގައި ބައްޔަށް ޕޮޒިޓިވްވާ ޢަދަދު އިތުރުވުމުގެ ސަބަބުން ބަލީގެ އާ ވޭރިއެންޓް އުފެދުމުގެ ފުރުސަތު އޮންނާނެކަމަށާއި އެކަމަށް ސަމާލުވުމަށް ޑރ.ނަޒްލާ މުސްތަފާވަނީ އެދިވަޑައިގެންފައެވެ. ޑރ.ނަޒްލާވާ ވަނީ ވޭތުވެދިޔަ ދެހަފްތާގައި ކޭސްތައް އިތުރުވެ މާލޭގައި ބޮޑު އައުޓް ބްރޭކެއް އޮތްކަންވެސް ފާޅުކުރައްވާފައެވެ. އަދި މިޙާލަތުގައި ބޭރުގައި އުޅުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ވަރުގަދަ ކުރަންޖެހޭކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ ވެކްސިންޖެހުމުގެ ސަބަބުން ޙާލު ބޮޑުވެގެން އެޑްމިޓްކުރާ މީހުންގެ ޢަދަދު މަދުވަމުން އައި ނަމަވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވުމުގެ ސަބަބުން ޙާލު ބޮޑުވާ މީހުންގެ އަދަދުވެސް އިތުރުވާނެކަމަށެވެ. ޑރ.ނަޒްލާ ވިދާޅުވީ ޕޮޒިޓިވްވާ ނިސްބަތުން 13 އިންސައްތައާއި 16 އިންސައްތައާއި ދެމެދުގެ އަދަދެއް އެޑްމިޓްކުރަންޖެހޭކަމަށެވެ. އެގޮތުން ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި މިވަގުތު 50 އިންސައްތަ ބެޑް ކެޕޭސިޓީ ފުރިފައިވާއިރު ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ 30 އިންސައްތަ އައިސީޔޫ އެނދު ފުރިފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކޯވިޑް ބަލީގެ ނުރައްކާ މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ބޮޑުވެފައިވާއިރު ކުރިއަށް އޮތް ޗުއްޓީއާއި ދިމާކޮށްވެސް ކޮންމެހެން ދާންނުޖެހޭނަމަ ދަތުރުކުރުން މިވަގުތު މަޑުޖައްސާލުމަށް ޓެގް ޓީމުންވަނީ ލަފާދީފައެވެ. އަދި އަތޮޅުތެރޭގައިވެސް ޑޮކްޓަރަށް ދެއްކުމަށް ރީޖަނަލް ހޮސްޕިޓަލަށް ދިޔުމުގައިވެސް ރައްކާތެރިވުމަށްވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން އެއްރަށުން އަނެއް ރަށަށް ގޮސް މީހުންނާއި ބައްދަލުވުން މަދުކުރުމަށާއި އަބަދުވެސް މާސްކު ބޭނުންކުރުމަށް އެޗްއީއޯސީއިންވަނީ އިލްތިމާސްކުރައްވާފައެވެ.