ތަރައްްޤީ

މީދޫ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ


ދ. މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ.

މީދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރުމަށް ޕްލޭނިންގ މިނިސްޓްރީން ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއެވެ. އެކުފުންޏާއެކު އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަަރުގެ ޖެނުއަރީމަހުގެ 21 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި، 373 މީޓަރުގެ ބޭރުތޮށި ލުމާއި، 35 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 294 މީޓަރުގެ އެއްގަމުތޮށި ލުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭޕެއްވެސް ހެދުމަށްހަމަޖެހިފައިވެއެވެ. މީގެ އިތުރުން 1،470 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށްވަނީ ހަމަޖެހިފައެވެ. އެމް.ޓީ.ސީ.ސީއާއި މީދޫ ބަނދަރު ހެދުމަށް ޙަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލުންނެވެ.

މީދޫ ބަނދަރު ހެދުމުގެ މަޝްރޫއަށް 36.82 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. މިމަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 408 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

އެމް.ޓީ.ސީ.ސީއަކީ ސަރުކާރުން ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގައި މުހިއްމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ. އެގޮތުން އެކުންފުނިން މިހާރުވެސް އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަގުހެދުމާއި، ބަނދަރު ހެދުމާއި، ބިން ހިއްކުމާއި، އެއަރޕޯޓް ތަރައްޤީކުރުން ފަދަ ޢުމްރާނީ ތަރައްޤީއާއި ގުޅުންހުރި އެތައް މަޝްރޫޢެއް ހިންގަމުންނެވެ. މި ހިނގާ 2021 ވަނަ އަހަރަކީ ގިނަ މަޝްރޫޢުތަކެއް ނިންމާ ކާމިޔާބު އަހަރަކަށް ހެދުމަކީ އެކުންފުނީގެ އަމާޒެކެވެ.