ޚަބަރު

ކޯވިޑް-19 އޭދަފުށީ ކްލަސްޓަރ: ޕޮޒިޓިވް ޢަދަދު މަދެއްނުވޭ


ބ.އޭދަފުށިން ކޯވިޑް-19އަށް ޕޮޒިޓިވްވަމުންދާ ޢަދަދު މަދު ނުވާކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ހޯމަދުވަހުގެ މެންދަމު 12އިން އަންގާރަ ދުވަހުގެ މެންދަމު 12އަށް ޖުމުލަ 14 މީހަކުވަނީ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައެވެ. މިހާރު އޭދަފުށިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު 123އަށް މިވަނީ އަރާފައެވެ. އެރަށުން ގިނައިން މީހުން ޕޮޒިޓިވްވަނީ މިހާރު ކަރަންޓީންކޮށްފައިވާ ގޭގެއިންނެވެ.

ބ.އަތޮޅު ހޮސްޕިޓަލުގެ ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ ސިދުޤީ އަބްދުﷲ ވިދާޅުވީ ފުލޫ ކްލިނިކަށް ދައްކަން ދާ މީހުންގެތެރެއިންވެސް ޕޮޒިޓިވް ކޭސްތައް ފެންނަމުންދާކަމަށެވެ. އެހެން ކަމުން މިބަލިން ރައްކާތެރިވުމަށް މާސްއެޅުމަށާއި ގައިދުރުކަން ބެހެއްޓުމަށް ބ.އަތޮޅު ހޮސްޕިޓަލުން ވަނީ އިލްތިމާސްކުރައްވާފައެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް މިހާރު ހޮސްޕިޓަލުން ފަށާފައިވާއިރު އިތުރު ރެންޑަމް ސާމްޕަލް ނެގުމަށް ނިންމާފައިވާކަމަށްވެސް އެހޮސްޕިޓަލުން މައުލޫމާތުދެއްވައެވެ.

މިހާތަނަށް އޭދަފުށިން 40 ގެއެއްވަނީ ކަރަންޓީނުކޮށްފައެވެ.