ޚަބަރު

ފެބްރުއަރީ 1އިން 7އަށް ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ވެކްސިން ޖެހި މީހުނަށް ދެވަނަ ޑޯޒްދިނުމަށް މިރޭ ސޯޝަަލް ސެންޓަރު ޚާއްސަކޮށްފި


ސޯޝަލް ސެންޓަރުގައިކަމަށް މިރޭ ވެކްސިން ދެމުންގެންދާނީ ހަމައެކަނި ފެބްރުއަރީ މަހުގެ 1 އަކުން 7އަށް ކޮވިޝީލްޑް ވެކްސިންޖެހި މީހުންނަށްކަމަށް އެޗްއީއޯސީއިން ހާމަކޮށްފިއެވެ.

އެޗްއީއޯސީއިން މިހެން ހާމަކޮށްފައިވާއިރު މިހަފްތާއަކީ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގައި ވެކްސިން ޖެހި މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭނެ ފަހު ހަފްތާއެވެ. ސަބަބަކީ ފެބްރުއަރީމަހުގެ 1 ކުން 7 އަށް ވެކްސިންގެ ފުރަތަމަ ޑޯޒްއަށްފަހު މިހަފްތާގެ ނިޔަލަށް 12 ހަފްތާ ހަމަވާނެތީއެވެ. ކޮވިޝީލްޑް ވެކްސިންއަކީ ވެކްސިންގެ ފުރަތަމަ ޑޯޒްއަށްފަހު 4 ހަފްތާއާއި 12 ހަފްތާއާއި ދެމެދު ވެކްސިންގެ ދެނަވަ ޑޯޒް ޖަހަންޖެހޭ ވެކްސިނެކެވެ.

ރާއްޖޭގައި ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަން ފަށާފައިވަނީ 8 ހަފްތާއިންނެވެ. އެއީ ވެކްސިންގެ އެންމެ އިފެކްޓިވްކަމަށް ގިނަ ދިރާސާތަކުން ދައްކާ މުއްދަތުކަމަށް މީގެ ކުރިން އެޗްޕީއޭއިންވަނީ ވިދާޅުވެފައެވެ.
މިރޭ ސޯޝަލް ސެންޓަރުގައި ވެކްސިން ދިނުމަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 480 ނަމްބަރުކަމަށް އެޗްއީއޯސީއިން ވިދާޅުވެއެވެ. މާލެ ސަރަޙައްދުގައި މިރޭ ކޮވިޝީލްޑް ވެކްސިން ހަމައެކަނި ސޯޝަލް ސެންޓަރުގައި ދިންނަމަވެސް ސިނޯފާމް ވެކްސިން ދިނުން ރައްޔިތުންގެ މަޖިލީހާއި ޓްރީ ޓޮޕް ހޮސްޕިޓަލާއި ނޭޝަނަލް އާޓް ގެލެރީއާއި ހުޅުމާލޭ ވެކްސިން ސެންޓަރާއި ވިލިމާލޭ ޒުވާނުންގެ މަރުކަޒުގައި ކުރިއަށް ދާނެކަމަށް އެޗްއީއޯސީއިން ވިދާޅުވެއެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގައި 160 ނަމްބަރު، އާޓްގެލެރީއިން 320 ނަމްބަރު، ހުޅުމާލޭ ވެކްސިން ސެންޓަރުން 240 ނަމްބަރު ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

ރަމަޟާންމަހު ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ރެއެއްގެ 2100 އިން 2345އާއި ހަމައަށެވެ. ޢާއްމުނަށް ފަސޭހައިން ކިޔުގައި މަޑުނުކޮށް ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖެއްސުމަށް މިހާރުވަނީ ކިޔުބީ އެޕް މެދުވެރިކޮށް ނަމްބަރު ނަގައިގެން ވެކްސިން ޖެހޭނެ އިންތިޒާމުވެސް ހަމަޖައްސާފައެވެ.

ރާއްޖޭގައި މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދެލައްކަ ނުވަދިހަ ދެހާހަށްވުރެ ގިނަ މީހުން ޖަހާފައިވާއިރު ވެކްސިންގެ ދެވަނަ ޑޯޒް އަށްޑިހަ ދެހާހަށްވުރެ ގިނަ މީހުންވަނީ ފުރިހަމަކޮށްފައެވެ.