ޚަބަރު

ކޯވިޑް-19 : އޭދަފުށީ ބަލިފެތުރޭ މިންވަރު އިތުރުވެ، ރައްކާތެރިކަމުގެ ފިޔަޅުތައް ވަރުގަދަކޮށްފި


ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިތުރު ބަޔަކު އޭދަފުށިން ފެނުމާއި ގުޅިގެން މިރޯގާ އިތުރަށް ފެތުރުނަ ނުދިނުމުގެ ގޮތުންނާއި ރަށުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ގިނަބަޔަކު އެއްވެ އުޅޭ ގޮތަށް މަގުފަހިވާ ކަންކަން މިއަދުން ފެށިގެން ހުއްޓާލުމަށް އޭދަފުށީ ކައުންސިލް އިދާރާއިން އަންގައިފިއެވެ.

އެކައުންސިލުން ރޭ އާންމުކުރި އެންގުމުގައިވަނީ، ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް އެއްވެސް މީހަކު ގެއިން ބޭރަށް ނުނިކުތުމަށާ، މިފަދަ ބޭނުމެއްގައި ގެއިން ބޭރަށް ނިކުންނަންޖެހޭ ޙާލަތްތަކުގައިވެސް ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވަނީ އަންގާފައެވެ. އަދި ފިހާރަތަކުން ޚިދުމަތް ހޯދާއިރު އާއި ޑެލިވަރީގެ ޚިދުމަތް ހޯދުމަށް އިސްކަންދީ ފިހާރައިން ޚިދުމަތް ހޯދާ ނަމަ 10 މީހުންނަށްވުރެ އިތުރަށް އެއްފަހަރާ ފިހާރަ ތެރެއަށް ނުވެއްދުމަށްވެސް ކައުންސިލުންވަނީ އަންގާފައެވެ.

މީގެ އިތުރުން ސައިހޮޓާ/ ރެސްޓޯރަންޓް/ކެފޭ ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން މިއަދުން ފެށިގެން ވަކި މުއްދަތެއް ނެތްގޮތަށް ޑެލިވަރީގެ ޚިދުމަތް ދިނުން ފިޔަވައި އެނޫން ގޮތަކަށް އެތެރޭގައި ޚިދުމަތް ދިނުން މުޅިން ހުއްޓާލުމަށްވެސް އެރަށު ކައުންސިލުންވަނީ އަންގާފައެވެ.

އޭދަފުށީގައި ހުރި ބޯކޮށުމުގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަން ވަކި މުއްދަތެއް ނެތްގޮތަށް ޚިދުމަތް ދިނުން މެދުކަނޑާލާ އާއްމު ތަންތަނުގައި ހުންނަ ޖޯލިފަތި ތަކުގައާއި މައިޒާންތަކުގައި ގިނަ ބަޔަކު އެއްވެއުޅުން ހުއްޓާލުމަށްވެސް ވަނީ އަންގާފައެވެ. އަދި
ކުޅިވަރުކުޅޭ މައިޒާންތަކުގައި ކުޅިވަރުތައް ކުޅުން ވަކި މުއްދަތެއް ނެތްގޮތަށް މުޅިން ހުއްޓާލުމަށާ، ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ބ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމް ކުރެވިފައިވާ ފްލޫ ކްލިނިކްގެ ހޮޓްލައިން 6608309 ފޯނާއި ގުޅުއްވައިގެން އެކަމުގެ މައުލޫމާތު ޙިއްޞާ ކުރުމަށްވެސް އޭދަފުށީ ކައުންސިލުންވަނީ އަންގާފައެވެ.

މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގެ ގޮތުން ކައުންސިލްއިން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށް ރައްޔިތުންނަށްވަނީ އިލްތިމާސްކޮށްފައެވެ. އަދި މިކަންކަމާ ޚިލާފްވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ކައުންސިލުންވަނީ މީގެ ކުރިންވެސް އަންގާފައެވެ.

ކޯވިޑް ބަލި އޭދަފުށިގައި ފެތުރޭ މިންވަރު އިތުރުވުމާ ގުޅިގެން އެރަށު ކައުންސިލާ ބ.އަތޮޅު ހޮސްޕިޓަލާ އަތޮޅު ކައުންސިލް އާއި އެރަށުގައި ހުންނަ ފުލުހުންގެ އިދާރާ ގުޅިގެން މިކަން ބަލަމުންގެންދާނެ ކަމަށް ކައުންސިލުން ވިދާޅުވެއެވެ.

އޭދަފުށިން މިހާތަނަށް 13 މީހެއްގެ ގައިން މިބަލި ފެނިފައިވާއިރު، މި ބަލި ރަށުގައި ފެތުރުނީ ކިހިނެއްކަމެއް އަދި ހޯދިފައިނުވެއެވެ.