ބ.އޭދަފުށީގައި ކޯވިޑް-19ގެ ބަލިމަޑުކަން ފެތުރޭ މިންވަރު އިތުރުވެ ޕޮޒިޓިވްވި މީހުންގެ ޢަދަދު 12އަށް އަރައިފިއެވެ.
ބ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ 411 ސާމްޕަލެއް ކޯވިޑް-19އަށް ޓެސްޓުކުރުމަށް އެރަށުން ނަގާފައިވާކަމަށެވެ. އޭގެތެރެއިން އިތުރު 5 މީހުން ޕޮޒިޓިވްވެ އެރަށުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިހާރުވަނީ 12އަށް އަރާފައިކަމަށެވެ.
އެރަށުން ނެގި 411 ސާމްޕަލްގެ ތެރެއިން ނަތީޖާ ނުލިބޭ 358 ސާމްޕަލެއް ވެއެވެ. ނަތީޖާ ލިބުނު ސާމްޕަލްގެތެރެއިން 34 މީހަކުވަނީ ނެގެޓިވްވެފައެވެ. އޭދަފުށީ ކައުންސިލުން ވިދާޅުވީ އަލަށް ޕޮޒިޓިވްވި 5 މީހުންނާއެކު މިހާރު ޖުމުލަ 8 ގެއެއް ކަރަންޓީނަށް ލާފައިވާކަމަށެވެ.
އޭދަފުށީ ކްލަސްޓަރ އާ ގުޅިގެން އެރަށު ކެފޭ ރެސްޓޯރަންޓްތަކާއި ކުޅިވަރުކުޅޭ ތަންތަން ބަންދުކުރުމަށް ނިންމާފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.
އޭދަފުށިން ކޯވިޑް-19ފެނުނީ މިމަހުގެ 19ވަނަ ދުވަހުއެވެ.