ޚަބަރު

މަތިވެރީގައި ކޮމިއުނީ ސްޕްރެޑެއް، 10މީހުން ޕޮޒިޓިވް


އއ.މަތިވެރިން ގިނަ ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށް މޮނިޓަރިންއަށް ލައިފިއެވެ.

މަތިވެރި ހެލްތު ސެންޓަރުގެ ފަރާތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުން 10 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. ރަށުން ބައްޔަށް ޕޮޒިޓިވްވި މީހުން، ޕޮޒިޓިވްވިކަން އެނގިފައިވަނީ ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓުކުރުމުންނެވެ. މިއާއެކު އެރަށުގަ މުޖުތަމަޢުގެ ތެރޭގައި ބަލި އޮތްކަމަށްވަނީ ކަނޑައަޅާފައެވެ.

މަތިވެރި ހެލްތު ސެންޓަރުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ، ހެލްތު ސަރވިސް މުޙައްމަދު މާހިދު މަންސޫރު ވިދާޅުވީ ރޯގާގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދައްކާ މީހުން އިތުރުވެފައިވާކަމަށެވެ. ރޯގާގެ އަލާމާތްތައް ހުރެގެން އިއްޔެ އެކަނިވެސް 40އަށްވުރެ ގިނަ މީހުން ސިއްޙީ މަރުކަޒަށް ޑޮކްޓަރަށް ދެއްކިއިރު، މީގެތެރެއިން 18މީހުންގައިން ކޯވިޑް-19ގެ އަލާމާތްތައް ފެނިގެން ޓެސްޓު ހެދިކަމަށެވެ. މީގެ ތެރެއިން 10މީހެކުވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

މާހިދް ވިދާޅުވީ މިހާރު ރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. މި ކޭސްތަކާއި ގުޅިގެން މިހާތަނަށް ރަށުގެ 15 ގެއެއްވަނީ ކަރަންޓީންކޮށްފައެވެ. އަދި ކޮންޓެކްޓުންގެ އިތުރުން ރަށުތެރެއިން އިތުރު ސާމްޕަލް ޓެސްޓުކުރުމުގެ މަސައްކަތްވެސް ފެށުމަށްދަނީ ތައްޔާރުވަމުންނެވެ.

މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރިފައިވާތީ އެރަށް މިހާރުވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސް ރަށަށް އަރާ ފޭބުން މަނާކޮށްފައެވެ.
އަދި ރަށުގައި މިހާރުވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ކޮންމެހެން ނިކުންނަން ޖެހިއްޖެ ޙާލަތެއްގައި މެނުވީ ބޭރަށް ނިކުމެ ނޫޅުމަށްވަނީ އަންގާފައެވެ.