ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގައި ޤާއިމްކުރެވުނު "އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް" ނުވަތަ ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވައިދިނުމަށް އެހީތެރިވެދޭ ޔުނިޓު އަކީ މިހާތަނަށް އެސްކޫލްއަށް ލިބިގެންދިޔަ އެންމެ ބޮޑު ކުރިއެރުން ކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވެއްޖެއެވެ. މިޔުނިޓް އިފްތިތާހުކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހު ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ.
2004 ވަނަ އަހަރުގެ އޭޕްރީލް 25 ވަނަ ދުވަހު ހުޅުވުނު ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްއާއެކު ކުޅުދުއްފުށީގައި ތައުލީމްދޭ 3 ސްކޫލްވަނީ ހުޅުވިފައެވެ. މަދުއަދަދެއްގެ ކުދިންނާއެކު އެ ސްކޫލްގެ ކިޔެވުން ފެށިގެންދިޔަނަމަވެސް މިހާރު އެސްކޫލްގައި 959 ދަރިވަރުންދަނީ ތައުލީމް ހާސިލްކުރަމުންނެވެ. އެލްކޭޖީން ފެށިގެން ގްރޭޑް 10 އާ ހަމަޔަށް ކިޔަވައިދޭ އަފީފުއްދީން ސްކޫލްގައި 89 މުދައްރިސުން ކިޔަވައިދިނުމަށް ހަރަކާތްތެރިވެއެވެ. އަދި ކިޔަވައިދިނުމަށް 36 ކުލާސްރޫމް މިސްކޫލްގައި ބޭނުންކުރެވެއެވެ.
އަފީފުއްދީން ސްކޫލްގެ ހަޔާތުން 17 އަހަރު ފުރެންދާއިރު އެސްކޫލްގައިވެސް ޚާއްޞަ އެހީތެރިކަން ބޭނުންވާ ގިނައަދަދެއްގެ ކުދިން ދަނީ ތައުލީމް ހާސިލްކުރަމުންނެވެ. ކުރިން މިކުދިންނަށް ބޭނުންވާ ވަންޓުވަން ޝެސަންތަކާ މިނޫންވެސް މިކުދިންނަށް ބޭނުންވާ ކަންކަން ކުރުމުގައި އަފީފުއްދީން ކޫލްގެ މެނޭޖްމެންޓާއި މުދައްރިސުންނާއި ޓީޗަރުންނާއި ބެލެނިވެރިންދިޔައީ ތަކުލީފްތަކެއް އުފުލަމުންނެވެ. އެހެންނަމަވެސް އެސްކޫލަށް ލިބިގެންދިޔަ "އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް"ގެ ސަބަބުން މިކަމަށް ހައްލެއްލިބި ވަރަށް ބޮޑުފަސޭހަޔަކާއި ކުރިއެރުމެއް ލިބިގެން ގޮސްފައިވާ ކަމަށް އެސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވިއެވެ.
" އަޅުގަނޑުމެންގެ ސްކޫލްއަކީ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ ސްކޫލްއެއް. އަޅުގަނޑުމެން އެކުދިންގެ ގަޑިތައް ގެންދާނެ ތަނެއް ނެތިގެން ޓީ ރޫމްގަވެސް ގަޑިތައް ގެންދިޔައިން" އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވިއެވެ.
ޕްރިންސިޕަލް ވިދާޅުވީ ސެން ޔުނިޓަށް އެއްވެސް ކުއްޖަކު ރަޖިސްޓްރީ ނުކުރާނެކަމަށާއި ކުދިން އެންރޯލްވަނީ ސްކޫލްއަށްކަމަށެވެ. އަދި އެޔުނިޓަކީ ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ތެރޭން އިތުރު އެހީތެރިކަން ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ ތަނެއްކަމަށެވެ. އެގޮތުން މިހާރުވެސް އެޔުނިޓުގައި 30 އަށްވުރެ ގިނަކުދިންނަށް އެހީތެރިކަން ފޯރުކޮށްދެމުންގެދާކަމަށް ނާސިހާ ވިދާޅުވިއެވެ.
މިވަގުތު އެސްކޫލްގެ ސެން ޔުނިޓްގައި 8 މުދައްރިސުން ހަރަކާތްތެރިވަމުންދާއިރު އޭގެތެރޭން 2 މުދައްރިސުންނަނީ ތަމްރީންވެފައި ތިބި 2 މުދަރިންސުންކަމަށާއި ދެންތިބި މުދައްރިސުންވެސް މިދާއިރާއިން ތަމްރީން ހޯދަމުން އަންނަ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.
ޕްރިންސިޕަލް ވިދާޅުވީ "އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް" ޤާއިމްކުރުމުގެ މަޝްރޫއު ނިންމައި އެބޭފުޅުންނަށް ޔުނިޓް ލިބުނީ ހުރިހާ ވަސީލަތަކާއެކުގައިކަމަށެވެ.
މިމަޝްރޫޢު ނިންމާ ހަވާލުކުރިއިރު މި ޔުނިޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ޕްރޮގްރާމުތައް ހިންގައި، މި ޔުނިޓުތަކަށް ބޭނުންވާ ޚާއްސަ މެޓީރިއަލްވަނީ ފޯރުވައިދީފައެވެ. މި ޔުނިޓުތައް ފަރުމާކުރެވިފައި ހުންނާނީ އުނގެނިގަތުމަށާއި އުނގަންނައިދިނުމަށް ފަސޭހަވާނެ ގޮތަށެވެ.
މިފަދަޔުނިޓެއް އެންމެ ފުރިހަމަ ވަސީލަތާއެކު ލިބި މަސައްކަތް ފަށައިގަނެވިފައިވާއިރު ދެން ބޭނުންވަނީ ދާއިމީ ގޮތެއްގައި މިކަން މިގޮތަށް ކުރެވޭނެ އިންތިޒާމެއް ހަމަޖެހުންކަމުގައި ނާސިހާ ވިދާޅުވިއެވެ.
އަފީފުއްދީން ސްކޫލްގައި ޤާއިމް ކުރެވުނު "އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް" ގެ ހިދުމަތާއެކު އެޔުނިޓުން އެހީތެރިކަން ހޯދަމުންދާ ދަރިވަރުންގެ ބެލެނިވެރިންތިބީ އުފަލުންފުރިފައެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް އެދި އެދި ތިބިކަމެއްމީ، ވަރަށް އުފާވޭ މިފަދަ ތަނެއް މިސްކޫލްގައި ހުޅުވީމަ" ބެލެނިވެރިޔަކު ބުންޏެވެ.
އިންޑިއާއިން ދިން 1.6 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ޢަފީފުއްދީން ސްކޫލްގެ އިތުރުން ފުވައްމުލަކު ޙާފިޟް އަޙްމަދު ސްކޫލުގައިވަނީ "އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް" ޤާއިމްކޮށްފައެވެ. މި މަޝްރޫއު ކުރިއަށްގެންދިޔައި މާޗް 2019 ގައި ހިލޭ އެހީގެ ގޮތުގައި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދިން 6.9 މިލިއަން ޑޮލަރު (106 މިލިއަން ރުފިޔާ)ގެ އެހީގައެވެ.
އިންކްލޫސިވް ޔުނިޓުތަކަކީ ރާއްޖޭގެ ހުރިހާ ސަރަޙެއްދެއްގައި ތިބި ކުދިންނަކީވެސް ހަމަހަމަ ފުރުސަތު ލިބޭ ކުދިންކަން ކަށަވަރުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސްކޫލްތަކުގައި ޤާއިމުކުރާ ޔުނިޓުތަކަކެވެ.