ރިޕޯޓް

ކެންދޫ މަޤާމުފުޅު މަރާމާތުކޮށް، އެބިނާ އިތުރަށް ވަރުގަދަ ކުރަނީ


ބ. ކެންދޫ މަޤާމުފުޅު މަރާމާތުކޮށް، އެ ބިނާ އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ވިދާޅުވެއްޖެއެވެ.

ކެންދޫ މަޤާމުފުޅު މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ އެމް ދާއިރާ އިންވެސްޓްމަންޓް އާއެވެ. އެކުންފުންޏާއެކު މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ މާރިޗުމަހުގެ 3 ވަނަ ދުވަހުއެވެ.

މި މަސައްކަތްކުރުމަށް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 87 ދުވަސް ތެރޭގައި މަސައްކަތް ފުރިހަމަކުރާގޮތަށެވެ. ފުރަތަމަ ފިޔަވަހީގައި މަޤާމުފުޅުގެ ފާރަށް ލިބިފައިވާ ގެއްލުން މަރާމާތުކޮށް، ބިނާ އިތުރަށް ވަރުގަދަ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ މަސައްކަތަށް 3 ލައްކަ 55 ހާހަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ.

1200 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ބ. ކެންދޫއަކީ ރާއްޖޭގެ ޤަދީމީ ތާރީޚީ ރަށެކެވެ. ކެންދޫ މަޝްހޫރުވެފައިވަނީ ރާއްޖެއިން ފުރަތަމަ އިސްލާމްވި ރަށުގެ ގޮތުގައެވެ. ރާއްޖެ އިސްލާމް ކުރެއްވި ޔޫސުފް ބަރުބަރީ ފުރަތަމަ ވަޑައިގަތީ ކެންދުއަށެވެ. ކެންދޫއަށް ވަޑައިގެން ކެންދޫގެ މީސްތަކުންނަށް އިސްލާމްދީނަށް ގޮވައިލެއްވުމުގައި ރަށުގައި މަޑުކުރެއްވި ވަގުތު ކޮޅުގައި ނަމާދުކުރެއްވުމަށް ހުންނެވިތަން ނުވަތަ އެމަޤާމް ފާހަގަކުރުމުގެ ގޮތުން ބިނާއެއްވަނީ ހަދާފައެވެ. އެތަނަށް ދީފާއިވާ ނަމަކީ ތަބްރޭޒްގެފާނުގެ މާޤާމުފުޅެވެ. މިއީ ޔޫސުފް ބަރުބަރީގެ ހަނދާނުގައި ކެންދޫ ރައްޔިތުން ބިނާކުރެއްވިތަނެކެވެ.

ކެންދޫގައި ހުރި އެންމެ ދުވަސްވީ އާޘާރީ ބިނާއަކީ، ތަބްރޭޒްގެފާނަށް ނިސްބަތްވާ މި މަޤާމްފުޅެވެ. ތާރީޚީ މުހިއްމު ހާދިސާއެއް ގުޅިފައިވާ ތަނެއްގެ އިތުރުން މި މަޤާމުފުޅަކީ ދިވެހިރާއްޖޭގައި ނުފެންނަ ޚާއްސަ ބިނާކުރުމުގެ ވައްޓަފާޅިއެއް ފެންނަ ބިނާއެކެވެ.

މި މަޤާމުފުޅަކީ ކެންދޫ މީހުން ވަރަށް ހުރުމަތްތެރިކޮށްހިތާ ތަނެކެވެ. އެމަޤާމު ފުރަތަމަ ޢިމާރަތްކުރެވުނީ ސީދާ ކޮންދުވަސް ވަރެއްގައިކަން ތާރިޚީ ގޮތުން އެނގޭކަށްނެތެވެ. ވޭތުވެދިޔަ ދިގު ޒަމާންތަކުގައި އެމަޤާމްފުޅު އެތައް ފަހަރަކު މަރާމާތުކޮށް އައު ކުރެވިފައިވެއެވެ. ނަމަވެސް އެ މަޤާމުފުޅު މަރާމާތު ނުކޮށް ގިނަ ދުވަސްތަކެއްވަންދެން އަޅާނުލާ ދޫކޮށްލާފައިވުމުގެ ސަބަބުން، އެ މަޤާމުފުޅު މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެ، ވީރާނާވެފައެވެ.