ޚަބަރު

އޭދަފުށިން 6 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ބ.އޭދަފުށިން 6 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އޭދަފުށިން އިއްޔެ މެންދުރު ރޯގާގެ އަލާމާތްތަކެއް ހުރެގެން ފްލޫ ކުލިނިކަށް ދެއްކި އަންހެނަކާއި ހަވީރު ފްލޫ ކްލިނިކަށް ދެއްކި އުމުރުން 50 އަހަރުގެ ފިރިހެނަކުވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މިދެމީހުން ޕޮޒިޓިވްވުމާއި ގުޅިގެން ޑައިރެކްޓް ކޮންޓެކްޓްވި ކަމަށް ބެލެވޭ 12 މީހެއްގެ ސާމްޕަލް ރޭވަނީ ނަގާފައެވެ. މި 12 މީހުގެ ތެރެއިން 4 މީހެއްގެ ސާމްޕަލް ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ބ.އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

އޭދަފުށީގައި ކޯވިޑްގެ ދެ ކްލަސްޓަރއެއް އުޅޭ ކަމަށާއި، އެގޮތުން ފުރަތަމަ ޕޮޒިޓިވްވި އަންހެން މީހާއާ ދެވަނައަށް ޕޮޒިޓިވްވި ފިރިހެންމީހާއާ ކޮންޓެކްޓް ވެފައި ނުވާއިރު މިބަލި އޭދަފުށީގައި ފެތުރުނީ ކިހިނެއްކަމެއް އަދި ހޯދިފައިނުވާ ކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.

އޭދަފުށީގައި އާއްމުންގެ ތެރޭގައި ކޯވިޑް ފެތުރުމުގެ ބިރު އެބައޮތްކަމަށާ، އެހެންކަމުން ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ކޯވިޑްގެ ކޭސްތަކެއް އޭދަފުށިން ފެނުމާއި ގުޅިގެން އެރަށަށް އަރާ ފޭބުންވަނީ މަނާކޮށްފައެވެ. މީގެ ކުރިންވެސް އޭދަފުށީގައި ހޯމް ކަރަންޓިންގައި ތިބި ބަޔަކުވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މިއީ ރާއްޖޭގައި ކޯވިޑް-19 ފެތުރެން ފެށި ފަހުން، އޭދަފުއްޓަށް އަރައިފޭބުން މަނާކުރެވުނު ފުރަތަމަ ފަހަރެވެ. އޭދަފުށީގެ އިތުރުން ކޯވިޑަށް ޕޮޒިޓިވްވި މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވި މީހަކު ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން އެއަތޮޅު މާޅޮސްވެސް އޮތީ މޮނިޓަރިންގައެވެ.