ވިޔަފާރި

މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް 50 މިލިއަންރުފިޔާގެ ލޯނު


ކުރިއަށް
އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް
ކުރިއެރުވުމަށް 50 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވޭނެކަމަށް
އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، އެ މިނިސްޓްރީން އިސްނަންގަވައިގެން
ބާއްވާ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގެ ލޯގޯއާއި ރަސްމީ ލަވަ އިފްތިތާހް
ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.

50 މިލިއަން ރުފިޔާގެ
ލޯނާއެކު މިހާތަނަށް ކުދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްދޫކުރި ލޯނުގެ
ޢަދަދު 200 މިލިއަނަށް އަރާނެއެވެ.

ޓީވީ
މޯލްޑިވްސްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މަޢުރަޒުގެ ލޯގޯއާއި ރަސްމީ ލަވަ
އިފްތިތާހް ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ ކުދި
ވިޔަފާރިތަށް ކުރިއެރުވުމަށް މިހާބޮޑު އަދަދެއްގެ ލޯނުއެހީ ފޯރުކޮށްދޭ މިއީ
ފުރަތަމަ ފަހަރުކަމަށެވެ.  އަދި ސަރުކާރުގެ
ޢިޤްތިސާދީ ސިޔާސަތުގެ ތެރޭގައި އެންމެ ކުޑަ ވިޔަފާރިން ފެށިގެން، ބްރިޖާއި
އައިހެވަން ފަދަ ބޮޑެތި އިންވެސްޓްމެންޓް ތަކާއި ހަމައަށް ހުންނާނީ ގުޅި
ލާމެހިފައި ކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.  

"އެކްސްޕޯ
މޯލްޑިވްސް 2015" ގެ ނަމުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި
މަޢުރަޒުގެ އެއް ބައިވެރިޔާ ޕަބްލިކް ސާވިސް މީޑިޔާ ޕީ.އެސް.އެމްގެ ފަރާތުން
ވާހަކަ ދައްކަވަމުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އިކްރާމް
އަބްދުއްލަތީފް ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ފަދަ ކުލަގަދަ
މަޢުރަޒަކަށް މި މަޢުރަޒު ހައްދަވައިދެއްވުމަށް ޕީ.އެސް.އެމުންއިސްކަންދޭނެ
ކަމަށެވެ. އަދި ޕީއެސްއެމްގެ ޤާނޫނުގައި ބުނާފަދައިން ދިވެހިންގެ ހުނަރުވެރިކަމާއި
ފަންނުވެރިކަން ތަރައްޤީކޮށްދިނުމަކީ މަޢުރަޒުގައި ބައިވެރިވުމުގެ މަޤްސަދު ކަމަށް
އިކްރާމް ވިދާޅުވިއެވެ.

ރޭގެ
ރަސްމިއްޔާތުގައި މައުރަޒުގެ ސްޓެއަރިންގ ކޮމިޓިގެ މެމްބަރ ނިޝާން ޢިއްޒުއްދީން
ޢިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމް ވިދާޅުވީ ރާއްޖޭގައި އަތްތެރި މަސައްކަތުގެ
މަޢުރަޒެއް ފުރަތަމަ ބޭއްވުނީ މީގެ 70 އހަރު ކުރިން 1945 ވަނަ އަހަރު ކަމަށެވެ.
އެގޮތުން އޭރުގެ މަޢުރަޒުތަކުންވެސް މާލޭގެ އަވައްތަކުގެ ވާދަވެރިކަމާއި
ދިވެހިންގެ ހުނަރުވެރިކަމުގެ ވާދަވެރި ފޯރި ފެނިގެން ދިޔަ ކަމަށް އައްބާސް
ވިދާޅުވިއެވެ. އަދި 12 އަހުރެ މެދުކެނޑުމަކަށް ފަހު މި މަޢުރަޒު ބާއްވާއިރު
ޒަމާނާއިގުޅޭނެހެން ރާއްޖޭގެ އެންމެހާ އުފެއްދުންތަކަށް ފުރުސަތު ލިބޭނެފަދަ
ގޮތަކަށް ގެންދިއުމަށް ކޮމިޓީން ނިންމާފައި ވާކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

ޑިސެމްބަރ
މަހުގެ 22 ން 28 ށް ކުރިއަށްގެންދާ އެކްސްޕޯ މޯލްޑިވްސްގައި ބައިވެރި ވުމުގެ
ފުރުސަތު ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.