ދީން

"ހުކުރުދުވަހު ކިޔާ ޞަލަވާތް ތިމަން ނަބިއްޔާއަށް ހުށަހެޅިގެންދާނެ"


ހުކުރު ދުވަހަކީ، އިސްލާމު ދީނުގައި މާތް މަޤާމެއް ލިބިގެންވާ ދުވަހެވެ. ހުކުރު ދުވަހަކީ، ހަފްތާގެ ހަތްދުވަހުގެ ތެރޭގައި ހިމެނޭ އެންމެ މާތް ދުވަސްވެސްމެއެވެ.

ކީރިތި ރަސޫލާ ޙަދީޘުކުރައްވާފައިވަނީ: سَيِّدُ الأَيَّامِ يَوْمُ الْجُمُعَةِ ހުކުރު ދުވަހަކީ، ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ އިސްކަމެއް ދެވިގެންވާ ދުވަހެވެ. ހުކުރު ދުވަހުގެ މަތިވެރި މަޤާމަށްޓަކައި، އެންމެހާ އިންސާނުންނަށްޓަކައި ކަޑައެޅުއްވި އެންމެ ހެޔޮ އުންމަތްކަމުގައިވާ އިސްލާމީ އުންމަތަށް މި ދުވަސް ޚާއްޞަކުރައްވާފައިވަނީ، އެންމެ މާތް އަދި މަތިވެރިވެގެންވާ ނަބިއްޔާ އަދި ރަސޫލާގެ ޝަރަފަށްޓަކައެވެ.

ކީރިތި ރަސޫލާ ޙަދީޘުކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވަނީ: " ތިމަން ނަބިއްޔާގެ އުންމަތަކީ އެންމެ ފަހުން އައި އުންމަތެވެ. އެހެނަސް، ޤިޔާމަތް ދުވަހު، އެންމެ އިސްވެގެންވާ އުންމަތެވެ. އެހެނިހެން އުންމަތްތަކަށް ތިމަން ނަބިއްޔާގެ އުންމަތަށްވުރެ ކުރިން ފޮތްތައް ބާވައިލެއްވިގެން ދިޔައެވެ. ދެން މި ހުކުރު ދުވަސް އެބައިމީހުން ކަޑައެޅުއްވިގެން ދިޔަ ހިނދު އެ ދުވަހުގެ މާތްކަމާމެދު އެވެރިންގެ މެދުގައި ދެބަސްވުންތައް އުފެއްދިއެވެ. ފަހެ، އެހިނދު ތިމަން ނަބިއްޔާގެ އުންމަތަށް ހިދާޔަތު ދެއްވިއެވެ. ފަހެ ހަފްތާގެ ދުވަސްތައް ލިބިގަތުމުގައި އަދި ހުކުރުދުވަހުގެ މާތްކަން އިސްލާމީ އުންމަތުން ބަލައިގަތުމުގައި އެހެން ހުރިހާ އުންމަތެއްގެ މީހުން އަންނަނީ ތިމަން ނަބިއްޔާގެ އުންމަތުގެ ފަހަތުންނެވެ. ޔަހޫދިން ނަށް އޮތީ މާދަމާއެވެ. އެބަހީ ހޮނިހިރު ދުވަހެވެ. އަދި ނަޞާރާއިންނަށް އޮތީ އޭގެ އަނެއް ދުވަހެވެ. އެބަހީ އާދިއްތަ ދުވަހެވެ."

ހުކުރު ދުވަހުގެ މާތްކަން ސާފުކޮށް ބަޔާންކޮށްދެނީ، ހުކުރު ދުވަހުގެ ނަމުގައި ސޫރަތެއްވެސް ޤުރްއާނުގައި އޮތުމުންނެވެ. ހުކުރު ދުވަހުގެ ނަމާދަކީ ޖަމާޢަތުގައި ކުރެވޭނެ ނަމާދެއްކަމުގައިވުމާއެކު، އެ ދުވަހުގެ ނަމާދުގައި ބައިވެރިވުމުގެ ސަބަބުން މުސްލިމުންގެ އެއްބައިވަންތަކަން ހާމަވެގެންދެއެވެ. މުސްލިމުންގެ މެދުގައި އޮންނަވީ ގުޅުންތައް ބަދަހިވެގެން ދިޔުމަކީ އިސްލާމުދީން ވަރަށް މަތީ ދަރަޖައަކަށް ރިޢާޔަތްކުރާ މަޤްޞަދެކެވެ. މި މަތިވެރި މަޤްޞަދު ޙާޞިލުވެގެން ދިއުމަށްޓަކައި ހުކުރު ދުވަހުގެ ނަމާދު އެންމެން ޖަމާޢަތުގައި ބައިވެރިވެގެން ކުރާގޮތަށް ފަރުޟުކުރައްވާފައިވަނީ އެހެންވެއެވެ.މުސްލިމުންގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމުގެ ވަސީލަތެއްގެ ގޮތުގައި ހުކުރު ދުވަހުގެ މުނާސަބާ ކަޑައަޅުއްވާފައިވެއެވެ. އަދި ހުކުރު ދުވަހަކީ މުސްލިމުންނަށް ހަފްތާއަކު އެއްފަހަރު އަންނަ ޢީދެއްކަމުގައި ހަމަޖައްސަވާފައިވަނީވެސް އެހެންވެއެވެ.

އިބްނު ޢައްބާސްގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. ރަސޫލުﷲ ޙަދީޘުކުރައްވާފައިވެއެވެ. "ހަމަކަށަވަރުން މިއީ، މިއީ މުސްލިމުންނަށްޓަކައި މާތްﷲ ދެއްވެވި ޢީދު ދުވަހެކެވެ. ފަހެ، ހުކުރު ނަމާދަށް އަންނަ މީހަކު ނަމަ، ފެންވަރައި ހުވަދުލައި، ރަގަޅަށް ދަތް އުގުޅާށެވެ. މާނައަކީ: ހުކުރުގެ ޖަމާޢަތުގައި ގިނަ އަދަދެއްގެ މުސްލިމުން ބައިވެރިވާނެކަމަށްޓަކައި ކޮންމެ މިސްލިމަކުމެ، މި ޖަމާޢަތުގައި ބައިވެރިވާން އަންނަ އިރު ރަގަށް ފެންވަރައި، ގައިން ނުބައިވަސް ނުދުވާނޭގޮތަށް ސާފުތާހިރުވެ ތިބެގެންވާ ޙާލު، ހުކުރު ނަމާދުގައި ބައިވެރިވުން މުހިންމުވުމެވެ."

އެހެނިހެން ފަރުޟު ނަމާދުތައް ޖަމާޢަތުގައި ކުރުމަކީ ގަދަވެގެންވާ ސުންނަތެއްކަމުގައި ލައްވާފައިވާއިރު، ހުކުރު ނަމާދު ޖަމާޢަތުގައި ކުރުން ފަރުޟުކުރައްވާފައިވަނީވެސް، މުސްލިމުންގެ ގުޅުން ބަދަހިވެގެން ދިއުމުގެ ވަސީލަތެއްގެ ގޮތުގައެވެ. ހަމައެހެންމެ، ހުކުރު ނަމާދުގެ ކުރިން އިމާމު، ކިޔާ ޚުޠުބާ އަޑު އެހެން ވާޖިބުކުރެއްވުމާއެކު، ހުކުރު ނަމާދުގެ މުހިންމު ރުކުނެއްގެ ގޮތުގައި ދެ ޚުޠުބާކިޔުންވެސް ކަނޑައެޅިފައިވެއެވެ.

ހުކުރު ދުވަހުގެ މަޤްޞަދުތަކުގެ ތެރޭގައި ހަނދާންކޮށްދިނުމާއި، ނަޞޭޙަތްދިނުން ހިމެނެއެވެ. މި ދުވަހު، ޚުޠުބާ ވިދާޅުވާ ޚަޠީބު، ހެޔޮކަންކަމަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމާއި. ޙައްޤާއި ހެޔޮމަގަށް އިރުޝާދު ދެއްވައެވެ. ހުކުރު ދުވަހުގެ ޚުޠުބާގައި އެ ދުވަސްވަރަކު މުސްލިމުންނަށް އެންމެ މުހިންމުވެގެންވާ ކަންކަމާބެހޭ އިރުޝާދުތައް ދިނުން އޮވެއެވެ.

ހުކުރު ދުވަހަކީ، މުސްލިމުން އެއްބަޔަކު އަނެއް ބަޔަކަށް ފެނި މިސްކިތުން ބައްދަލުވެލުމަށްވެސް އޮންނަ އަގުހުރި ފުރުޞަތެކެވެ. ހަފްތާގެ އެހެނިހެން ދުވަސްތަކުގައި މަސައްކަތުގައި މަސްޣޫލުވެ އުޅެންޖެހިފައިވުމުގެ ސަބަބުން، އެކުވެރިންނާއި ރަޙުމަތްތެރިނާ ބައްދަލުނުވި ނަމަވެސް ހުކުރު ނަމާދަށްފަހު، މިސްކިތުން ބައްދަލުވުމުގެ ފުރުޞަތު ލިބިގެންދެއެވެ.

މާތްﷲ ގެ ޛިކްރުކުރުމަކީ ހަމަކޮންމެ ދުވަހުވެސް ކުރަން ޖެހޭކަމެއްކަމުގައިވީނަމަވެސް، ޚާއްޞަގޮތެއްގައި ހުކުރު ދުވަހު، ﷲގެ ޛިކްރުކުރުން ގިނަކުރުން މުހިންމުއެވެ. ހުކުރު ދުވަހުގެ ޛިކްރު މަޤްޞަދު ބަޔާންކޮށް ކީރިތި ޤުރްއާނުގައި މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވަނީ " އޭ إيمانވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ."

ހުކުރު ދުވަހުގެ ޛިކްރުތައް ތަފާތު އެތައް ގޮތަކަށް ކުރެވޭ އޭގެ ތެރޭގައި ކީރިތި ރަސޫލާގެ މައްޗަށް ޞަލާވަތްކިޔުން ހިމެނެއެވެ. ކޮންމެ ދުވަހަކީވެސް ރަސޫލާގެ މައްޗަށް ޞަލަވާތްކިޔަން ޖެހޭ ދުވަހެއްކަމުގައިވިޔަސް، ހުކުރު ދުވަހު ޚާއްޞަގޮތެއްގައި ޞަލަވާތްކިޔުން ގިނަކުރަންޖެހެއެވެ.ރަސޫލާއަކީ ހުރިހާ އިންސާނުންގެ ތެރޭގައި ލެއްވި އެންމެ މާތްވެގެންވާ އިންސާނާކަމުގައިވުމާއި، ހުކުރު ދުވަހަކީ، ހަފްތާގެ އެހެނިހެން ދުވަސްތަކަށްވުރެ އެންމެ މާތްވެގެންވާ ދުވަސްކަމުގައިވާތީއެވެ.

ކީރިތި ރަސޫލާ ޙަދީޘުކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވަނީ " ތިޔަބައިމީހުންނަށް އަންނަ އެންމެ މާތް ދުވަހަކީ، ހުކުރުދުވަހެވެ. އެ ދުވަހަކީ އާދަމުގެފާނު ޚަލްޤުކުރެއްވުނު ދުވަހެވެ. އަދި އެދުވަހަކީ އެކަލޭގެފާނުގެ ފުރާނަފުޅު ގެންދެވުނު ދުވަހެވެ. އަދި އެ ދުވަހަކީ ޤިޔާމަތްވުމުގެ ގޮތުން ތާޅަފިލި ފުމެލެވިގެންދާނެ ދުވަހެވެ. އެ ދުވަހަކީ ހުރިހާ މަޚްލޫޤުން މަރުވެގެން ވެއްޓޭނޭ ދުވަހެވެ. ފަހެ އެ ދުވަހު ތިމަން ނަބިއްޔާގެ މައްޗަށް ތިޔަބައި މީހުން ޞަލަވާތްކިޔުން ގިނަކުރާށެވެ! ފަހެ ތިޔަބައިމީހުން ކިޔާ ޞަލަވާތް ތިމަން ނަބިއްޔާއަށް ހުށަހެޅިގެންދާނެތެވެ." ޞަހާބީން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ތިމަން ބޭކަލުން ވިދާޅުވާ ޞަލަވާތް ކަލޭގެފާނަށް ހުށަހެޅިގެންދާނީ ކިހިނަކުންތޯއެވެ؟ ކަލޭގެފާނުގެ މުޅި ހަށިކޮޅު އޮންނާނީ ވެއްޔާ މޮޑެވި ވީރާނާވެގެން ގޮސްފައި ނޫންތޯއެވެ؟ ރަސޫލާ ޙަދީޘުކުރެއްވިއެވެ. އެބޭކަލުންގެ މައްޗަށް މާތްﷲގެ ޞަލަވާތްލެއްވިގެންވާ އެންމެހާ ނަބިއްޔުންނާއި ރަސޫލުންގެ ހަށިކޮޅުތައް ބިމުވެ ވެއްޔާ މޮޑެވި، ވީރާނަވެގެން ދިޔުމުން ސަލާމަތްކުރައްވައި، ނަބިއްޔުންގެ ހަށިކޮޅުތައް ބިން ކައި ހުސްކޮށްލުން ބިމަށް މާތްﷲ ޙަރާމުކުރައްވާފައިވެއެވެ.

ހުކުރު ދުވަހުގެ ޛިކްރުގެ ތެރޭގައި، ކަހްފު ސޫރަތް ހުކުރުވިލޭރެ ނުވަތަ ހުކުރު ދުވަހު ކިޔުން ހިމެނެއެވެ. ރަސޫލާ ޙަދީޘުކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވަނީ " ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހަކަށް އެއް ހުކުރުން އަނެއް ހުކުރާ ދެމެދު އެމީހަކަށްޓަކައި ހިދާޔަތުގެ ނޫރުން އަލިކޮށްދެނިވި ނޫރެއް ލައްވާނެތެވެ. ހުކުރު ދުވަހު، ހުކުރު ނަމާދަށް ވީހާވެސް އަވަހަކު ދިއުމަކީވެސް މުސްތަޙައްބުވެގެންވާކަމެކެވެ.

ރަސޫލާ ޙަދީޘުކުރައްވާފައިވެއެވެ. " ހުކުރު ނަމާދަށް ދިއުމުގެ ކުރިން ފެންވަރައި ހިނައިގަތުމަށްފަހު، ފުރަތަމަ ސާޢަތުގައި ދާމީހުންނަށް ޖަމަލެއް ޤުރްބާންކުރުން ފަދަ ޘަވާބު ލިބިގެންވެއެވެ. ދެވަނަ ސާޢަތުގައި ދާމީހުންނަށް ގެރިއެއް ޤުރްބާންކުރުން ފަދަ ޘަވާބު ދެއްވައެވެ. ތިންވަނަ ސާޢަތުގައި ދާމީހުންނަށް ކަންބަޅި ބަކަރިއެއް ޤުރްބާންކުރުން ފަދަ ޘަވާބު ލިބިގެންވެއެވެ. ހަތަރުވަނަ ސާޢަތުގައި ދާމީހުންނަށް ކުކުޅެއް ކަތިލުމުގެ ޘަވާބު ލިބިގެންވެއެވެ. އަދި ފަސްވަނަ ސާޢަތުގައި ދާމީހުންނަށް ކުކުޅު ބިހެއްގެ މިންވަރު ޞަދަޤާތްކުރުމާ އެއްފަދަ ޘަވާބު ލިބިގެންވެއެވެ.

އިމާމު މެމްބަރަށް އެރުމުން މަލާއިކަތުންވެސް އެ ޖަމާޢަތަށް ޙާޟިރުވެ ވަޑައިގެން ޚުޠުބާ އަޑުއައްސަވަމުން ގެންދަވައެވެ. މި ދަންނަވާލި ޙަދީޘުގެ މުރާދަކީ، ހުކުރު ނަމާދަށް ވީހާވެސް އަވަހަށް ދިއުމަށް ހިތްވަރު ދެއްވާފައިވާކަމާއި ހުކުރު ނަމާދުގައި ބައިވެރިވުމަށް މިސްކިތަށް އެންމެ ކުރިން ދާމީހުންނަށް ހުރި ދަރުމައާއި ޘަވާބުގެ މަތިވެރިކަން ހާމަކޮށްދިނުމެވެ.