ރިޕޯޓް

މޮޅަދޫގެ އާ ބަނދަރާއެކު ރައްޔިތުންނަށް އުފާވެރިކަން


ހއ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން މޮޅަދޫއަކީ ނިސްބަތުން ކުޑައާބާދީ އޮތް ރަށެކެވެ. އެރަށުގެ ރައްޔިތުން ލަފާ ފުރުމަށްޓަކައި މިހާތަނަށް ބޭނުން ކުރަމުން އައީ ފާލަމެކެވެ. މީގެ ކުރިން މޮޅަދޫ ރައްޔިތުންނަކީ ލަފާ ފުރުމަށްޓަކައި ބޮޑެތި ތަކްލީފްތަކެއް އުފުލަމުން އައި ބައެކެވެ. ސަބަބަކަށް ވެފައިވަނީ ރަށުގެ ފަޅަކީ ތިލަ ފަޅެއް ކަމުން އެރަށުގެ ފާލަމަށް އަތޮޅު ފެރީއަށް ގާތް ނުކުރެވުމެވެ. ކަންމިހެން ހުރުމުން އަތޮޅު ފެރީގައި ދަތުރުކުރާ ފަރާތްތަކުން ފެރީއަށް އަރަންޖެހެނީ ބޮއްކުރާ ފަހަރުގައި ކަނޑަށް ނުކުމެގެންނެވެ.

މޮޅަދޫ ރައްޔިތުން އަބަދުވެސް އެންމެ އުއްމީދު ކުރަމުން އައި އަދި ދެކެން ބޭނުންވާ ދުވަހަކީ އެރަށުގެ ރައްޔިތުންނަށް ލަފާފުރުމަށްޓަކައި ޒަމާނީ ފެންވަރުގެ ބަނދަރެއް ލިބިގެން ދިއުމެވެ. މިއަދުގެ ސަރުކާރުން މިވަނީ މޮޅަދޫގެ ރައްޔިތުންގެ މިހުވަފެންތަކުގަ ކުލަޖައްސާދީފައެވެ. މިސަރުކާރު ވެރިކަމާއި ހަވާލުވިއިރު އުތުރުގެ ރަށްތަކުގެ ތެރެއިން ހއ މޮޅަދޫއަކީ ލަފާފުރުމަށް ބަނދަރެއް ހެދިފައި ނެތް ރަށެކެވެ. މޮޅަދޫގައި ބަނދަރު ހެދުމުގެ މަސައްކަތް މިސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ވަނީ ފަށާފައެވެ.

އެރަށުގަ މިހާރު ކުރިޔަށް ދާ ބަނދަރު މަޝްރޫޢާއެކު ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެން ދާނެ ކަމަށާއި މި ބަނދަރު ވެގެންދާނީ މުޅިރަށުގެ ތަރައްގީއަށް ހުޅުވިގެންދާ ދޮރަކަށް ކަމަށް އެރަށުގެ ރައްޔިތުން ވަނީ ބުނެފައެވެ.

މޮޅަދޫ ކައުންސިލްގެ ރައީސް މުހައްމަދު ނިޝާމް ވިދާޅުވީ، މޮޅަދޫގެ ރައްޔިތުން އެންމެ ދެކެން ބޭނުންވި ދުވަސް މިހާރުވަނީ ދާދި ގާތުގައި ކަމަށާއި ކުރިޔަށް އޮތް ހަތަރެއް ނޫނީ ފަސްމަސް ތެރޭގަ ބަނދަރުގެ މަސައްކަތް އެއްކޮށް ނިމިގެންދާނެކަމަށެވެ.

ނިޝާމް ވިދާޅުވީ މީގެ ކުރިން މޮޅަދޫ ރައްޔިތުން އަތޮޅު ފެރީގައި ދަތުރުކުރަން ބޭނުންނަމަ ފެރީއަށް އަރަންޖެހެނީ ބޮއްކުރާ ފަހަރުގައި ކަނޑަށް ނިކުމެގެން ކަމަށެވެ. އަދި ފެރީ އާއި ނާލު ބޯޓުފަހަރުގައި ގެންނަ މުދާވެސް ބާލަންޖެހެނީ، ކުދި ޑިންގީއަށް އާއި ބޮއްކުރާ ފަހަރަށް އަރުވައިގެން ކަމަށް ނިޝާމް ވިދާޅުވިއެވެ. މިހެން މިކަން ކުރުމުގެ ތެރޭގަ ވަރަށް ހިތާމަވެރި ހާދިސާތައް ހިގާފައިވާކަމަށް ނިޝާމް ފާހަގަކުރެއްވިއެވެ.

ނިޝާމް ވިދާޅުވީ، މޮޅަދޫ ބަނދަރުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައި ވާއިރު މިހާރު ކުރިޔަށް ދަނީ ބަނދަރުގެ ވެލިގަނޑު އެއްވަރުކޮށް ބޭރު ތޮށީގައި ހިލަޖެހުމުގެ މަސައްކަތްކަމަށެވެ. އަދި ބަނދަރުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާފައިވާއިރު އެރަށުގެ ބަނދަރު ވަގުތީ ގޮތުން މިހާރު ބޭނުން ކުރަން ފަށާފައިވާ ކަމަށްވެސް ނިޝާމް ވިދާޅުވިއެވެ. އަދި މިބަނދަރާއެކު ރަށަށް ބޮޑެތި ކުރިއެރުންތަކެއް ލިބި ކުރިއަށް އޮތްތާ އެރަށުގައި މަސްވެރިކަން ފެށި މަސްވެރިކަމުގެ ސިނާއަތު ފުޅާވެގެން ދާނެކަމަށްވެސް ނިޝާމް ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓުން 26 މިލިއަންރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ މޮޅަދޫ ބަނދަރުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާއެވެ. އެއްއަހަރު ދުވަހުގެ ތެރޭގައި މިމަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވާއިރު މިމަޝްރޫޢުގެ ދަށުން މޮޅަދޫގައި 24700 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 232 މީޓަރުގެ ބޭރު ތޮއްޓަކާއި 42 މީޓަރުގެ ރިވެޓްމެންޓެއް ޖެހުމަށްވަނީ ހަމަޖެހިފައެވެ.