ޚަބަރު

ކޯވިޑް-19ގެ ވެކްސިން ޖައްސަވަން ރައީސް ޔާމީން އިންކާރުކުރައްވައިފި


ކޯވިޑް-19އިން ދިފާއުވުމަށް ޖަހާ ވެކްސިން ޖެހުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިރޭ މާލެ ގެނައުމަށްފަހު އަނބުރައި ޖަލަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ކަރެކްޝަންގެ މީޑިޔާ އޮފިސަރު ވިދާޅުވީ ކޯވިޑް-19ގެ ވެކްސިން ޖެހުމަށް މިރޭ ރައީސް ޔާމީން މާލެ ގެނެސްފައިވަނީ އެމަނިކުފާނު ވެކްސިން ޖެއްސުވުމަށް ބޭނުންވެ އެކަމަށް އެދިވަޑައިގަތުމުންކަމަށެވެ. ނަމަވެސް މާލެ ގެނައުމަށްފަހު ވެކްސިން ޖައްސަވަން އެމަނިކުފާނު ދެކޮޅުހެއްދެވިކަމަށާ، މިހާރު އަނބުރައި ރައީސް ޔާމީން މާފުށީ ޖަލަށް ގެންގޮސްފައިވާކަމަށެވެ.

ރައީސް ޔާމީން، މިރޯދަމަހު ގެއަށް ބަދަލު ކޮށްދިނުމަށް އެމަނިކުފާނުގެ ޢާއިލާގެ ފަރާތުން ވަނީ އެދިވަޑައިގެންފައެވެ. ޢާއިލާގެ ފަރާތުން ފޮނުއްވާފައިވާ ސިޓީއަކާ ގުޅިގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެފައިވަނީ އެމަނިކުފާނަށް ދެރަގޮތެއް ނުވާނެކަމަށާ، ކަމާއި ގުޅުންހުރި އިދާރާތަކާ މަޝްވަރާކުރައްވައިގެން ރައީސް ޔާމީނަށް ދެވެން އޮތް ލުޔެއް ދެއްވާނެކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ 5 އަހަރުދުވަހަށް ޖަލަށްލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28ވަނަ ދުވަހުއެވެ. މިހުކުމް އިއްވާފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ރައީސް ޔާމިންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާވި މައްސަލާގައެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރެއްވުމުގެ ދެ ދައުވާއެއް މިހާރުވެސް އަންނަނީ ކޯޓްގައި ހިގަމުންނެވެ. މި ދައުވާތައް އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ.ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލާގައެވެ. މި ދައުވާތަކަށް ރައީސް ޔާމީން ވަނީ އިންކާރުކުރައްވާފައެވެ.