ޚަބަރު

ބ. މާޅޮހު ރައްޔިތުންގެ އެންމެ ބޮޑު އުއްމީދަކީ ފެނާއި ނަރުދަމާ ނިޒާމް


ބ.މާޅޮހަކީވެސް އަތޮޅުގެ އެހެން ރައްތަކެކޭ އެއްގޮތަށް އަސާސީ ގިނަ ޙިދުމަތްތަކުން މަޙްރޫމްވެފައިވަނިކޮށް މިސަރުކާރު ވެރިކަމާ ހަވާލުވި ހިސާބުން ތަރައްޤީގެ މަސްރޫއުތައް ފެށުމަށް ނިންމާފައިވާ ރަށެކެވެ. އެގޮތުން އެރަށަށް މިވަގުތަށް ބޭނުންވާ އެންމެ މުހިންމު އެއް އަސާސީ ޙިދުމަތަކީ ފެނާ ނަރުދަމާ ނިޒާމެއްގެ މަސައްކަތެވެ. މާޅޮހުގެ ބައެއް ސަރަހައްދުތަކުން ފެންވެރުމަށް ބޭނުންކުރާ ފެނަކީ ސިއްޙީގޮތުން އެހާ ރައްކާތެރި ފެންނޫންކަމަށް ދެކިގެން އެރަށުގައި ފެނާ ނަރުދަމާގެ މަސައްކަތް ފެށުމަށް ސަރުކާރުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށް ފައިވަނީ މިދިޔަ އަހަރު ފަހުކޮޅުއެވެ. އަދިވެސް މިކަމުގެ އަމަލީ މަސައްކަތް ނުފެށި ލަސްވަމުން ދިއުމަކީ އެރަށު ރައްޔިތުން ކަންބޮޑުވާކަމެކެވެ.

މާޅޮހުން ވާހަކަ ދެއްކި ބައެއް މީހުން ބުނީ އަސާސީ ހިދުމަތްތަކުގެ ތެރެއިން ފެނާ ނަރުދަމާގެ ޙިދުމަތް ނެތުމުން ވަރަށް ގިނަ ތަކުލީފް އުފުލަން ޖެހިފައިވާކަމަށެވެ. އެމީހުން ބުނިގޮތުންނަމަ ގެވަޅު ތަކުގައި ހަދާފައި ހުންނަ ނަރުދަމާ ޖަންޝަންތަކަށް މައްސަލައެއް ދިމާވާ ކޮންމެ ފަހަރަކު އެކަންކަން ހައްލުކުރުމަށް މަދުވެގެން ދެހާސް ނުވަތަ ތިންހާސް ރުފިޔާ ޙަރަދުވެއެވެ. ގެވަޅުތަކުގައި ނަރުދަމާ ޖަންގްޝަންތައް ހަދާ އެވަޅުގަނޑުތަކަށް ނަޖިސް ހިންދުމަކީ ރަށުގެ ފެންފަށަލަ ހަލާކުވާން ދިމާވާ މައިގަނޑު އެއް ސަބަބުކަމަށް އެރަށުން ވާހަކަދެއްކި މީހުންބުންޏެވެ.

"މީއެންމެ ބޮޑު އެއްކަންތައް ނަރުދަމާ އެޅިއްޖެނަމަ އެއީވެސް ހަމަ ލިބޭވަރަށް ބޮޑުލުޔެއް. އުންމީދަކީ މިސައްކަތް ފެށި މި ޙިދުމަތް ލަސްތަކެއްނުކޮށް ލިބުން، މިހާރު ރަށުގެ ބައެއް ސަރަހައްދުތަކުން ނަގާފެން އެއްވެސް ކަމަކަށް ބޭނުންކުރަން ރަގަޅެއްވުނާވާނެ، އެހައިނުބައިވަސް ދުވާފެނުގައި ނަރުދަމާ ޖަންޝަންތައް ގެވަޅުތަކުގައި ހަދާފައި މި ހުންނަނީ އަނެކާ ފެންވެރުމަށް ބޭނުންކުރާ ފެންވަޅުވެސް ހުންނަނީ ކައިރީގައި އެހެން ވީމަ މިރަށު ބިމުން ނަގާފެނަކީ ސިއްޙީ ގޮތުން އެހާ ރަނގަޅު ފެނެއް ނޫން" މާޅޮހުން ވާހަކަދެއްކި މީހުން ބުންޏެވެ.

ފެނުން ނުބައިވަސްދުވާތީ ރައްޔިތުންގެ ޝަކުވާ ކައުންސިލަށް މެދުނުކެނޑި އަންނަކަމަށާއި އެކަން ހައްލުކޮށްދެއްވުމަށް އެދި އެކި ފަހަރުމަތިން އެކިއެކި ސަރުކާރުގައި ދަންނަވާފައިވާކަމަށް އެރަށު ކައުންސިލްގެ ނާއިބު ރައީސް އަޙްމަދު މުޖްތަބާ ވިދާޅުވިއެވެ.

"މިއަދު މިރަށު ރައްޔިތުންތިބީ ވަރަށް އުފަލުން މި މަސައްކަތް ރަށުގައި ފަށާތީވެ. މީރައްޔިތުން ކުރާ ވަރަށް ބޮޑު އުންމީދެއް" އެރަށު ކައުންސިލްގެ ނާއިބު ރައީސް ވިދާޅުވިއެވެ.

އާބާދީގައި 800އާ ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅޭ މާޅޮހަކީ ބޯކޮށް ވާރޭ ވެހިއްޖެއް ހިނދެއްގައި ފެންބޮޑުވެ އަޑިން ފެންއަރާ ރަށެކެވެ. ވާރޭ ވެހި ފެންބޯޑުވާ ދުވަސްތަކުގައި ގެވަޅުތަކުގައި ހަދާފައި ހުންނަ ޖަންގްޝަންތައް ފަޅައިގެންގޮސްފައިވެސް އެބަހުއްޓެވެ. މިސަބަބުތަކާހުރެ ފެނާއި ނަރުދަމާގެ މަސައްކަތުގެ ދަށުން މަގުތަކުގައި ހެދޭ ފެން ހިންދުމަށް ހާއްސަ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރެވިގެންދާނެކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

މިހާރު މާޅޮހު ފެނާ ނަރުދަމާގެ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ވަނީ އެރަށަށް ގެންގޮސްފައެވެ. މި މަސައްކަތް ކުރުމުގައި ލަސްތަކެއް ދިމާވަނީ މަސައްކަތައް ބޭނުންވާ ބައެއް ސާމާނު ނުލިބޭތީކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.

540 ދުވަސް ތެރޭގައި މަސައްކަތް ނިންމާގޮތަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގއިން މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް އެމްޑަބްލިއުއެސްސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 60.4 މިލިއަން ރުފިޔާއަށެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 14 ވަނަ ދުވަހު ހަވާލުކުރެވުނު މަސައްކަތެކެވެ. މިމަސައްކަތްތައް ނިންމަން ކަނޑައަޅާފައި ވަނީ 2022 ވަނަ އަހަރުގެ ޖޫންމަހުގެ 7 ވަނަ ދުވަހަށެވެ.