ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކުރަން ބޮޑަށް ބޭނުންވެފައި ތިބީ ފްރާންސްގެ ޕީއެސްޖީ ކަމަށް އެ ޓީމުގެ ކެޕްޓަން މާކީނިއޯސް ބުނެފި އެވެ.
2013 ވަނަ އަހަރު ޓީމާ ގުޅުނު ބްރެޒިލްގެ ޑިފެންޑަރު ބުނީ ކޮންމެ ފައިނަލެއްގައި ވެސް ކުޅޭ ދެ ޓީމަށް އޮންނާނީ ހަމަހަމަ ފުރުސަތެއް ކަމަށާއި ނަމަވެސް މޮޅުވާން ބޮޑަށް ބޭނުންވެފައިތިބީ އެމީހުން ކަމަށެވެ.
"އަހަރުމެން އެންމެން ވެސް މި ކިޔަނީ އެކައްޗެއް. އެއީ މި ފުރުސަތު ގެއްލުވާ ނުލާށޭ. މިއީ ކޮންމެ ހަތަރު އަހަރަކުން ލިބޭ ފުރުސަތެއް. އަހަރުމެން މި ތިބީ މި ފުރުސަތުގެ ބޭނުން ހިފަން ވަރަށް ބޮޑަށް ބޭނުންވެފައި،" މާކީނިއޯސް ބުންޏެވެ.
ތަރިންތަކެއް ތިބެ ކާމިޔާބު ނުލިބުނު ނަމަވެސް މާކުއިނޯސް ބުނީ ޕީއެސްޖީއާ ހަވާލުވުމަށް ފަހު ޓީމު ބަދަލުކޮށްލި މީހަކީ ކޯޗު ލުއިސް އެންރީކޭ ކަމަށެވެ.
"އޭނާ ވަނީ ކާމިޔާބު ހޯދަން ބޭނުންވާ ހުރިހާ ސިފައެއް މި ޓީމުގައި އަށަގަންނުވާފައި. މިއީ ފާއިތުވެދިޔަ ދޮޅު އަހަރަށް ބަލައިފިނަމަ މުޅިން ތަފާތު ފުޓްބޯޅަ އެއް ކުޅޭ ޓީމެއް. އަހަރުމެންގެ ވިސްނުމާއި ކުޅުމުގެ ސްޓައިލާއި މުޅި ޓީމުގެ ރޭވުން ބަދަލުކޮށްލި މީހަކީ ކޯޗު،" މާކީނިއޯސް ބުންޏެވެ.
އޭނާ ބުނީ ދުނިޔޭގެ ފެންވަރުގެ ތަރިންތަކެއް ފެނިގެންދިޔަ ޓީމު މިހާރު އޮތީ އެއަށްވުރެ މޮޅުވެފައި ކަމަށެވެ.
"އަހަރެން މި ކުލަބާ ގުޅުނުއިރު އަހަރެން ކުޅުނީ އަހަރެންގެ ނަމޫނާ އަކަށް ބެލި ތަރިންނާއެކު. ވަރަށް މޮޅު ވަރަށް މަޝްހޫރު ކުޅުންތެރިންނާއެކު އަހަރެން އޭގު ކުޅެމުންދިޔައީ. އެކަމަކު ނަތީޖާ އާއި ތަށިތަކަށް ބަލައިފިނަމަ އެއަށްވުރެ މި ޓީމަކީ ހުރިހާ ގޮތަކުން ވެސް ކާމިޔާބު ޓީމެއް،" މާކީނިއޯސް ބުންޏެވެ.
އެމެރިކާގެ މެޓް ލައިފް ސްޓޭޑިއަމުގައި މިރޭގެ މެޗު ފަށާނީ މާލޭ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.