ޚަބަރު

ހިތްތަކުގެ ގުޅުން ވަރުގަދަވެ، އެއްބާރުލުމުގެ ރޫޙު އާލާވެއްޖެ - ރައީސުލްޖުމްހޫރިއްޔާ

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް، ދިވެހިންގެ ހިތްތަކުގެ ގުޅުން އިތުރަށް ވަރުގަދަވެ، އެކަކު އަނެކަކަށް އެހީތެރިވުމާއި އެއްބާރުލުމުގެ ރޫޙު އިތުރަށް އާލާވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ 1442 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވެވި ތަހުނިޔާގެ ޚިޠާބުގައެވެ.

މި ތަހުނިޔާގެ ޚިޠާބުގައި، ބަރަކާތްތެރި ރަމަޟާން މަސް އުނގަންނައިދޭ އެންމެ މަތިވެރި ފިލާވަޅަކީ، ދަތިކަމާއި ނިކަމެތިކަމުގައި ދިރިއުޅޭ އެހެން އިންސާނުންގެ ޙާލަތު އިޙްސާސްކޮށް، އަނެކުންނަށް އެހީތެރިވެ އޯގާތެރިވުމުގެ ރޫޙު އަށަގެންނެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، ރަމަޟާންމަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އިސްލާމީ އުންމަތުގެ އެންމެހައި އަޚުންނާއި އުޚުތުންނަށްވެސް، މި ބަރަކާތްތެރި މައްސަރުގެ އިޚްލާޞްތެރި ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ދުނިޔޭގެ މިހާރުގެ ޙާލަތަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ފާހަކުރެއްވިގޮތުގައި، މުޅި ދުނިޔެ، އެއް ޤައުމު އަނެއް ޤައުމަށް، އެހީތެރިވެ އެއްބާރުލުމުގެ ރިވެތި ނަމޫނާއެއް ދައްކަމުން އަންނަ މިފަދަ ދުވަސްވަރަކާއި، މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް އިއްތިފާޤުވެގެން އައުމަކީ، ރާއްޖެ ފަދަ އިސްލާމީ މުޖްތަމަޢަކަށް ނުހަނު ގިނަ ކަންކަން ހަނދާންކޮށްދީ، އެތައް ޢިބްރަތްތަކެއް ލިބިދޭނެ ކަމެއް ކަމުގައެވެ. އަދި ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ޢާންމު ދިރިއުޅުމުގެ ހުރިހާ ކަމަކަށް ބުރޫ އަރައި، އިޤްތިޞާދަށް ލޮޅުން އަރައި، ފަރުދުންގެ ފުދުންތެރިކަން ދަށްވެފައިވީ ނަމަވެސް، ދިވެހިންގެ އީމާންތެރިކަމާއި އިސްލާމީ އެއްބަނޑުއެއްބަފާކަމުގެ ވަރުގަދަ ގުޅުމުގެ ސަބަބުން، މިބަލިމަޑުކަމުގެ ތެރޭގައިވެސް، ދިވެހިންގެ ހިތްތަކުގެ ގުޅުން އިތުރަށް ވަރުގަދަވެ، އެކަކު އަނެކަކަށް އެހީތެރިވުމާއި އެއްބާރުލުމުގެ ރޫޙު އިތުރަށް އާލާވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެމަނިކުފާނު ވަނީ މި ބަރަކާތްތެރި މޫސުމުގެ މަންފާ އެންމެ ހެޔޮ ގޮތުގައި ހާސިލުކުރުމަށްޓަކައި، ރޯދައިގެ އަޅުކަން ފުރިހަމަކޮށް، ގިނަގިނައިން ޤުރްއާން ކިޔަވައި، ރޭއަޅުކަންކޮށް، ޞަދަޤާތް ދީ، މީސްތަކުންނަށް ހެޔޮ ފޯރުވައި އުޅުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.