ކޯވިޑް-19

ރައީސުލްޖުމްހޫރިއްޔާގެ ނައިބުވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރައްވައިފި

ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ކޮވިޝީލްޑް ވެކްސިންގެ 2 ޑޯޒް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ފުރިހަމަކުރައްވައިފިއެވެ. އެމަނިކުފާނު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ ފެބްރުއަރީ މަހުގެ 8ވަނަ ދުވަހުއެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ އެމަނިކުފާނުގެ ރަސްމީ ޓުވިޓަރ އެކައުންޓް މެދުވެރިކުރައްވައި ހާމަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ޓުވީޓުގައި ވަނީ، ކޯވިޑް-19އިން ތިމާއާއި ތިމާގެ ޢާއިލާ ސަލާމަތްކުރުމަށްޓަކާ ވީހާވެސް އަވަހަށް ވެކްސިން ޖެހުމަށް ބާރުއަޅުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކޮވިޝިލްޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރައްވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސްވަނީ ކޮވިޝިލްޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރައްވާފައެވެ. އެ ދެ ބޭފުޅުން ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ.

ކޯވިޑް-19އިން ދިފާޢުވުމަށް ރާއްޖޭގައި ވެކްސިން ޖެހުމުގެ ޕްރޮގުރާމު ފަށާފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ އެއްވަނަ ދުވަހުއެވެ.

މި ޕްރޮގްރާމް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ޕްރޮގުރާމަށް ރައްޔިތުންގެ ބޮޑު ތަރުޙީބެއް ލިބިފައިވާއިރު، ވެކްސިން އެންމެ ފުރަތަމަ ޖައްސަވައި ރައްޔިތުންނަށް ޔަގީންކަން ދެއްވާފައިވަނީ ދައުލަތުގެ ވެރިންނެވެ. ދައުލަތުގެ ވެރިންގެ ތެރެއިން ތިންބާރުގެ ވެރިންގެ ގޮތުގައި ހިމެނޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު މުއުތަސިމް އަދުދާނު ވަނީ ވެކްސިން ޖައްސަވާފައެވެ.

ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދޭން ފަށާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. ކޮވިޝިލްޑް ވެކްސިންގެ އިތުރުން، ސިނޯފާމްއާއި ފައިޒަރ ވެކްސިންވެސް ރާއްޖޭގައި މިހާރު އަންނަނީ ދެމުންނެވެ.

އެޗް.ޕީ.އޭގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިހާތަނަށް 260،000 އަށްވުރެ ގިނަ މީހުން ވަނީ ކޯވިޑް-19އިން ރައްކާތެރިވުމަށްޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު 15،000 އަށްވުރެ މައްޗަށް ވަނީ އަރާފައެވެ.