ސިޔާސީ

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ފެތުރިފައިވާނަމަ، އެކަން ފިލުވާނަން - ރައީސް


ކޮރަޕްޝަނަށް އެއްވެސް އިރެއްގައި ޖާގަނުދެއްވާނެކަމަށާއި، މި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ފެތުރިފައިވާނަމަ، އެކަންކަން ފިލުވާލުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިމަހުގެ 10 ވަނަ ދުވަހު ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެންނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބާގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ކައުންސިލް އިންތިޚާބުން މާލޭ ސިޓީފަދަ ބައެއް މުހިއްމު ދާއިރާތަކުގެ އަޣުލަބިއްޔަތު އެމް.ޑީ.ޕީއަށް ގެއްލުމުން، އެއިން އަންގައިދެނީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިކަންކަމަށެވެ. ޚާއްސަކޮށް މާލޭ ސިޓީން ލިބުނު ނާކާމިޔާބީގެ ފަހަތުގައި، ބޯހިޔާވަހިކަމާއި ކޮރަޕްޝަންފަދަ ކަންކަން ހައްލުކުރުމުގައި ލަސްވާ ލަސްވުން އެއީ ރައްޔިތުންގެ ކަންބޮޑުވުންތައް އެކަމަކާގުޅިފައިވާ ބޮޑެތި މައްސަލަތަކެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮރަޕްޝަނަކީ އެމަނިކުފާނު އެއްވެސް އިރެއްގައި ޖާގަދެއްވާނެކަމެއްނޫންކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލަތަކަކީ ރާއްޖޭގައި ޒަމާންވީ މައްސަލަތަކެއްކަމަށާއި، ޖުޑިޝަރީއާއި، ސަރުކާރާއި، މިނިވަން މުއައްސަސާތަކުގެ ތެރޭގައިކަމަށްވިޔަސް ކޮރަޕްޝަން ފެތުރިފައިއޮތުން އެއީ އެކަށީގެންވާކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން އެކަންކަން އިސްލާޙްކުރުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށާއި، އެކަމުގައި މި ސަރުކާރަށް ކުރިއެރުންތަކެއް ހޯދިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ކޮރަޕްޝަނަކީ ރާއްޖޭގައި ވަރަށް ދުވަސްވީކަމެއް. އެހެންވީމާ އެ ފޭދިގެން އައިސް ހުރިހާ ހިސާބެއްގައި އަދިވެސް ހުންނާނެ ކޮންމެވެސް ވަރަކަށް. އެއީ ޖުޑީޝަރީކަމަށްވިޔަސް، ސަރުކާރު ތެރޭގައިކަމަށްވިޔަސް، އަދި މިނިވަން މުއައްސަސާތަކުގެ ތެރޭގައިކަމަށްވިޔަސް، އަދި އެނޫން ތަންތަންކަމަށްވިޔަސް. އެހެން ބާރުތަކުގެ ތެރޭގައިކަމަށްވިޔަސް ހުރުމަކީ އެކަށީގެންވާކަމެއް. އެހެންވީމަ އެކަންތައްތައް އިސްލާޙްކުރުމަށްޓަކާ ކުރަންޖެހޭ ކަންތައްތައް އަޅުގަނޑުމެން މިދަނީ ކުރަމުން. އެނގިވަޑައިގަންނަވާނެ މިދިޔައަހަރާއި މިއަހަރާއި އަޅާބަލާއިރު ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެވަނީ ކުރިއެރުން ހޯދާފައި. ކަންތައްތަކެއް ކުރެވިފައިހުރިކަން އޭގެން އެ ދޭހަވަނީ. 40 ޕޮއިންޓުގެ ކުރިއެރުމެއް ރާއްޖެއަށް ލިބިފައިމިވަނީ. އެއީ އަޅުގަނޑުމެންގެ ހިންގުމުގެ ތެރޭގައި ގެނެވިފައި ހުރި ބަދަލުތަކުން އައިސްފައިހުރި ނަތީޖާކަމަށް އަޅުގަނޑުދެކެނީ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައަށް އިޝާރާތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، އެމައްސަލައިގެ އޮޑިޓް ރިޕޯޓް އާއްމުކުރުމާއެކު އެކަން ތަޙްޤީޤުކޮށްދިނުމަށް އޭ.ސީ.ސީއަށް މައްސަލަ ފޮނުވިކަމަށެވެ. އަދި މިނިވަންކަމާއެކު އެފަދަ މުއައްސަސާތައް ހިންގުމަށްޓަކާ ޖާގަދިނުމަކީ އެމަނިކުފާނު އަބަދުވެސް ޤަބޫފުޅުކުރައްވާ އަސާސެއްކަމަށާއި، ސަރުކާރުން އަދިވެސް އޮތީ އެކަމުގައި ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވުމަށް ތައްޔާރަަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ސަރުކާރުން މިއަދުވެސް މިއޮތީ އެކަމާބެހޭގޮތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއްދޭން ތައްޔާރަށް. ކޮށްދެވެންހުރި ހުރިހާކަމެއް ކޮށްދޭން. އެހެންނަމަވެސް ހިންގުމުގެ ތެރެއަކަށް ސަރުކާރަކުން ނުވަންނާނެ. އެހެންނަމަވެސް އެކަން ހިނގަމުންދަނީ ރަނގަޅަށްތޯ ނޫންތޯ ބެލުމުގެ ބާރު އަޅުގަނޑަށް އެބައޮތް، އެހެންވީމަ އެގޮތުން މިހާރުވެސް އަޅުގަނޑު މިގެންދަނީ ބަންޑާރަ ނާއިބު މެދުވެރިކޮށް ޚާއްސަކޮށް އެ މައްސަލައިގައި ދެން ކުރެވެން އޮތީ ކޮން ކަންތައްތަކެއްތޯ ބަލަމުން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ހުރިކަމަށްވާނަމަ، އެކަންތައްތައް ފިލުވާލުމަށްޓަކާ މަސައްކަތް ކުރައްވާނެކަމަށެވެ. އަދި މި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ނައްތާލުމަށްޓަކާ ކުރެވެންހުރި ހުރިހާކަމެއް ކުރައްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.