ޚަބަރު

އިލެކްޝަންސް ކޮމިޝަނުން ހަނިމާދޫގައި ސިވިކް އެޑިއުކޭޝަން ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި


  • ރައްޔިތުން ހޭލުންތެރިކުރުމަކީ އިލެކްޝަން ކޮމިޝަނުގެ މަސްއޫލިއްޔަތެއް

  • ޑިމޮކްރަސީގެ ގޮތުން ބާރުވެރި މުޖުތަމަޢުއެއް ބިނާކުރުމަކީ މި ޕްރޮގްރާމްގެ މަގުސަދެއް

ޑިމޮކްރަޓިކް ބާރުވެރި މުޖުތަމަޢުއެއް ބިނާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ދަށުން ހދ. ހަނިމާދޫގައި ސިވިކް އެޑިއުކޭޝަން ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދާއި ކޮމިޝަނުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން އިންތިޚާބުގެ ކަންތައްތައް ހިނގާގޮތާއި އިންތިޚާބުގެ މަގުސަދާ ގުޅޭގޮތުން މަޢުލޫމާތުދީ ރައްޔިތުން ހޭލުންތެރިކުރުމަކީ އިލެކްޝަން ކޮމިޝަނުގެ މަސްއޫލިއްޔަތެކެވެ. ސިވިކް އެޑިއުކޭޝަން ޕްރޮގުރާމަކީ މި މަސްއޫލިއްުޔަތު އަދާކުރުމަށް ކުރިއަށްގެންދާ ޕްރޮމާކެވެ.

އިލެކްޝަންސް ކޮމިޝަނުން ހިންގާ ސިވިކް އެޑިއުކޭޝަން ޕްރޮގްރާމްގެ މަޤްޞަދުތަކުގެ ތެރޭގައި ޑިމޮކްރަސީގެ ގޮތުން ބާރުވެރި މުޖުތަމަޢުއެއް ބިނާކުރުމާއި އިންތިޚާބީ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުން ހިމެނެއެވެ. އަދި މަލްޓ-ިޕާޓީ ޑިމޮކްރަޓިކް ސިސްޓަމަށް އާންމުން ހޭލުންތެރި ކުރުވައި ޑިމޮކްރަސީގެ ހެޔޮ ސުލޫކީ އުސޫލުތައް މުޖުތަމައުގެ ބައިވެރިވުމާއެކު އާލާކުރުވުމަކީވެސް މި ހަރަކާތުގެ މަޤްޞަދެކެވެ.

މި ޕްރޮގްރާމުގައި ހަތަރު މޮޑިއުލަކުން މައުލޫމާތު ފޯރުކޮށްދެއެވެ. މި ޕްރޮގްރާމުގައި މައުލޫމާތު ފޯރުކޮށްދޭ ދާއިރާތަކުގެ ތެރޭގައި ޑިމޮކްރަސީއާއި ޒިންމާ ނެގުމާއި ޖަވާބުދާރީވުން، އިންތިޚާބުތަކާއި އިންތިޚާބުތައް ކުރިއަށްގެންދާ ގޮތް އަދި ސިޓިޒަންޝިޕް އަދި ބައިވެރިވުން ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހޮނިހިރު ދުވަހު ސިވިކް އެޑިއުކޭޝަން ޕްރޮގްރާމް ކުރިއަށްގެންދިޔައީ ހދ. ހަނިމާދޫގައެވެ. މިއީ މިއަހަރު އެ ކޮމިޝަނުން ކުރިއަށްގެންދިޔަ ދެވަނަ ސިވިކް އެޑިއުކޭޝަން ޕްރޮގްރާމެވެ. ފުރަތަމަ ޕްރޮގްރާމް ކުރިއަށްގެންދިޔައީ މިދިޔަ މެއި މަހު ލ. ފޮނަދޫގައެވެ.

ހަނިމާދޫގައި ކުރިއަށްގެންދިޔަ ޕްރޮގްރާމުގައި އެރަށުގެ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއި ޖަމުއިއްޔާ ޖަމާއަތްތަކާއި، ސިޔާސީ ޕާޓީތަކުގެ އިތުރުން ބެލެނިވެރިނާއި އާންމު ރައްޔިތުން ބައިވެރިވިއެވެ. މި ޕްރޮގުރާމު ފުރިހަމަކުރި ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ސެޓުފިކެޓްވެސް ދީފައެވެ.