ކޯވިޑް-19

ކޯވިޑް-19 ދިފާޢު : ދެ ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު 14000އިން މައްޗަށް


ކޯވިޑް-19 އިން ދިފާޢުވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު 14،000 އިން މައްޗަށް އަރައިފިއެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް އިތުރު 4،382 މީހަކު މިއަދު ޖަހާފައިވާކަމަށެވެ.

އެޗް.ޕީ.އޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މާލޭ ސަރަޙައްދުން 3،969 މީހަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާއިރު، އަތޮޅުތަކުން 413 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވެއެވެ. މިއާއެކު ރާއްޖެއިން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 14،951 އަށް އަރާފައެވެ.

ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދޭން ފަށާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. ދެވަނަ ޑޯޒް ދޭން ފަށާފައިވަނީ ފެބްރުއަރީމަހުގެ 1 ވަނަ ދުވަހުން 4 ވަނަ ދުވަހާ ދެމެދު ކޮވިޝީލްޑް ވެކްސިން ޖެހި މީހުންނަށްކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން އާއްމުކޮށް ހުޅުވާލައިގެން ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފެށިނަމަވެސް އެޗް.ޕީ.އޭއިން މީގެ ކުރިން ވަނީ ޚާއްސަ ހާލަތްތަކުގައި ތިބި މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާދީފައެވެ.

ވޭތުވެ ދިޔަ 24 ގަޑިއިރު ރާއްޖެއިން ވަނީ 4،950 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 502 މީހުންނާއި އަތޮޅުތަކުން ވެކްސިންޖެހި 4،448 މީހުންނެވެ. މިއާއެކު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ އަދަދުވަނީ 265،235 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންއާއި ކޮވިޝީލްޑް ވެކްސިން ޖަހަމުން އަންނައިރު މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 9 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް 2 މޯބައިލް ޓީމް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި އޮތޮޅުތަކުން 237 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހާދެމުންނެވެ.

މާލޭގައި ވެކްސިންގެ ދެވަނަ ޑޯޒް ޖަހާދެމުން އަންނަނީ ސޯޝަލް ސެންޓަރާއި، ވިލިމާލެ ޒުވާނުންގެ މަރުކަޒު، ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރ، އާރޓް ގެލަރީ އަދި ސެނަހިޔާގައެވެ. މީގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓާލާއި ރައްޔިތުންގެ މަޖިލިސް އިދާރާއިންވެސް ފުރަތަމަ ޑޯޒް ދަނީ ދެމުންނެވެ.

ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އާ ހަމައަށެވެ. ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 10:00 އިން މެންދުރު 2:00 އާ ހަމައަށެވެ.