އަތޮޅުތައް

ގޭސް ލީކުވެގެން ހިނގި ނުރައްކާތެރި ޙާދިސާއެއްގައި 2 މީހަކު ޒަޙަމްވެއްޖެ


ރ. އިނގުރައިދޫ ގެއެއްގައި ގޭސް ލީކުވެގެން ހިނގި ޙާދިސާއެއްގައި 2 މީހަކު ޒަޙަމްވެއްޖެއެވެ.

އެމް.އެން.ޑީ.އެފުން ވިދާޅުވީ، މި ޙާދިސާ ހިނގާފައިވަނީ ރ. އިނގުރައިދޫ ގުލްހަޒާރުގޭގައި ގޭގައިކަމަށެވެ. އެގޮތުން އެ ގޭގައި ހުރި ގޭސް ފުޅިއަކުން ގޭސް ލީކުވެ، ބާރުގަދަ ގޮވުމެއް ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން އެމް.އެން.ޑީއެފް ނައިފަރު ފަޔަރ ސްޓޭޝަނުން އެ ރަށުގައި ހަރަކާތްތެރިވިކަމަށް އެމް.އެން.ޑީ.އެފުން މަޢުލޫމާތުދެއްވައެވެ. އަދި މި ޙާދިސާގައި 2 މީހަކަށް އެކިވަރުގެ ޒަޙަމްތައް ލިބިފައިވާކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިނގުރައިދޫ ކައުންސިލުގެ ރައީސް އިސްމާޢީލް ޢަބްދުލްރަޝީދު ވިދާޅުވީ، މި ޙާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 2 ޖަހާކަންހާއިރުކަމަށެވެ. އަދި ޙާދިސާގައި ޒަޙަމްވެފައިވަނީ 60 އަހަރުން މަތީގެ މީހަކަށާއި، 20 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނަކަށްކަމަށެވެ.

މި ޙާދިސާ ހިނގުމާއެކު މި ދެ މީހުންނަށްވެސް އަވަސް ފަރުވާ ދިނުމަށްޓަކާ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އޭގެތެރެއިން އުމުރުން ދުވަސްވީ މީހާ ޑޮކްޓަަރުން ބެލުމަށްފަހު އިތުރު ފަރުވާއަށް މިހާރު މާލެ ފޮނުވާލާފައިވާކަމަށާއި، އޭނާގެ އަތާއި، ހަށިގަނޑުގެ އެކި ތަންތަން ފިހިފައިވާކަމަށް ޢަބްދުލްރަޝީދު ވިދާޅުވިއެވެ. އަދި ދެވަނަ މީހާއަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ޙާދިސާ ހިނގި ވަގުތު ގޭގައި ތިބީ އެ ދެމީހުންކަމަށާއި، އެ ގެއަކީ އާދައިގެ ގޮތަކަށް ހާދާފައިވާ ގެއެއްކަމުން، ގޭސްލީކުވެ ހިނގި ބާރުގަދަ ގޮވުމުގެ ސަބަބުން ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އިނގުރައިދޫ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ. އެގޮތުން ގޭގެ ދެ ފާރެއް އެއްކޮށް ވެއްޓި، ގޭގެ ސީލިންގއަށާއި ހިފާގެންގުޅޭ ސާމާނަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް ކައުންސިލުގެ ރައީސް ޢަބްދުލްރަޝީދު ވިދާޅުވިއެވެ. އަދި ސިފައިންނާއި، ނެޝޭނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެން.ޑީ.އެމް.އޭ އަދި ރަށު ކައުންސިލް ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.