ތިންރަށެއްގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފިއެވެ. މީގެ ތެރޭގައި ހިމެނެނީ ހއ. ހޯރަފުއްޓާއި ޅ.ހިންނަވަރާއި ގދ.ތިނަދޫގެ މަގުތަކެވެ.
ރާއްޖޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ހއ.ހޯރަފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ޙަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ހޯރަފުށީގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ 16 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. ހޯރަފުށީގެ ބޮޑު މަގުތައް ހިމެނޭހެން 5.3 ކީލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މަގުތަކުގައި ބައްތި ޖެހުމާއި ފެންހިންދާ ނިޒާމު ޤާއިމުކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. ޕްލޭނިންގ މިނިސްޓްރީން މިމަސައްކަތް އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ 71.9 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.
ޕްލޭނިންގ މިނިސްޓްރީއިންވަނީ އިތުރު ދެރަށެއްގެ މަގުތަކުގައިވެސް ތާރުއެޅުމަށް ކޮންޓްރެކްޓަރުންނާ ޙަވާލުކޮށްފައެވެ. އެގޮތުން ޅ.ހިންނަވަރާއި ގދ.ތިނަދޫގެ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެވެ. މީގެތެރެއިން ޅ.ހިންނަވަރުގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 7.1 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް އާރްޑީސީއާއި ޙަވާލުކޮށްފައިވަނީ 122 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. މިމަޝްރޫޢުގެ ދަށުން މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމުކޮށް މަގުބައްތި ހަރުކޮށް 17 މަސްދުވަހުގެ ތެރޭގައި ނިންމާ ޙަވާލުކުރަންޖެހެއެވެ.
ރަށްރަށުގެ މަގުތަކުގައި ތާރުއެޅުމަށް ހިންގާ މަޝްރޫޢުގެ ދަށުން ގދ.ތިނަދޫގެ މަގުތަކުގައި ތާރުއެޅުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް އާރްޑީސީއާއި ވަނީ ޙަވާލުކޮށްފައެވެ. މިމަޝްރޫޢުގެ ދަށުން ތިނަދޫގައި 6.5 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށްވަނީ ހަމަޖެހިފައެވެ. 15 މަސްދުވަހުގެ ތެރޭގައި އެރަށުގެ ބޮޑެތި މަގުތަކުގައި ތާރުއެޅުމަށް އާރްޑީސީއާއި ޙަވާލުކޮށްފައިވަނީ 78 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. މިޕްރޮޖެކްޓްގެ ދަށުންވެސް ތިނަދޫގެ މަގުތަކުގައި ފެންހިންދާ ނިޒާމާއި މަގުބައްތި ހަރުކުރުމަށްވަނީ ހަމަޖެހިފައެވެ.
މަޝްރޫޢުތައް ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސެއިން މޫސާއެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުނފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކެވެ.
އެމްޓީސީސީއާއި އާރްޑީސީއިން އަންނަނީ މިވަގުތުވެސް ރަށްރަށުގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތްކުރަމުންނެވެ.