ރިޕޯޓް

ރާއްޖޭގައި ހަދާ ބަނދަރުތަކުގެ ތެރެއިން އެންމެ ބޮޑު ބަނދަރު ދިއްދޫގައި


ހއ. ދިއްދޫ ބަނދަރު ބޮޑު ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. މިކަމަށްޓަކައި މިއަދު ދިއްދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ.

ދިއްދޫ ބަނދަރު ބޮޑު ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން 78،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުން ކުރުމާއި 616 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 185 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 326 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 4320 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމަށްވަނީ ހަމަޖެހިފައެވެ.

69.87 މިލިއަން ރުފިޔާގެ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މިމަޝްރޫއުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަހުގެ ތެރޭގައެވެ.

އ. ދިއްދޫ ބަނދަރު ބޮޑު ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ އަަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ދިއްދޫގައި ހަދާ ބަނދަރަކީ ރާއްޖޭގައި ހަދާ ބަނދަރުތަކުގެ ތެރެއިން އެންމެ ބޮޑު ބަނދަރު ކަމަށެވެ. އަދި ރައްޔިތުން އެދޭ ގޮތަށް ބަނދަރު ތަރައްގީ ކުރައްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ ދިއްދޫގެ ބަނދަރުގެ މަސައްކަތް އަންނަ އަަހަރުގެ ފެބްރުއަރީގެ ކުރިން ނިންމާނެކަމަށެވެ.

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްﷲ ވަހީދު ވިދާޅުވީ ދިއްދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފެށި، ނިމިގެން ދާނީވެސް ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި ދިއްދޫ ރައްޔިތުން ބޭނުން ވަނީ ދިއްދޫގައި އެމް.ޓީ.ސީސީއާ ހަވާލުކުރެވި ކުރިއަށްދާ މަޝްރޫޢުތައް ހަލުވިކަމާއެކު ނިންމުންކަމަށެވެ.


ދިއްދޫ ބަނދަރު ބޮޑު ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިންނާއި، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްﷲ ވަހީދު އާއި ދިއްދޫ ކައުންސިލްގެ ރައީސް މުހައްމަދު ހާޝިމް ބައިވެރިވެވަޑައިގެންފައިވެއެެވެ.