ކޯވިޑް-19

ރާއްޖެއިން ބޭރުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށްވެސް ރާއްޖޭގައި ދެވަނަ ޑޯޒް ޖެހޭނެ - އެޗް.ޕީ.އޭ


ރާއްޖެއިން ބޭރުން ކޯވިޑް-19 އިން ދިފާޢުވުމަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް، ދެވަނަ ޑޯޒް ރާއްޖޭގައި ޖެހޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވެއްޖެއެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރާއްޖެއިން ބޭރުން ކޮވިޝީލްޑް، ސިނޯފާމް އަދި ފައިޒަރ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒް ރާއްޖޭގައި ޖެހުމުގެ އިންތިޒާމު އެ އެޖެންސީން ހަމަޖައްސައިދޭނެކަމަށެވެ.

އެގޮތުން އެފަދަ ފަރާތްތަކުން ވެކްސިން ޖެހިކަމުގެ ލިޔުން އަދި އައި.ޑީ ކާޑު ނުވަތަ ޕާސްޕޯޓު ކޮޕީއެއް [email protected] އަށް ފޮނުވުމަށް އެޗް.ޕީ.އޭއިން ވަނީ އެދިފައެވެ. އަދި އީމެއިލްގައި ނަން، އައި.ޑީ ކާޑު ނުވަތަ ޕާސްޕޯޓު ނަންބަރު، ގުޅޭނެ ނަންބަރު، ވެކްސިންގެ ބާވަތް އަދި ވެކްސިން ޖެހި ތާރިޙް ހިމަނަންވާނެކަމަށްވެސް އެ އެޖެންސީން ވިދާޅުވެފައިވެއެވެ.

ކޯވިޑް-19 އިން ދިފާޢުވުމަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ރާއްޖޭގައި ފަށާފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ އެއްވަނަ ދުވަހުއެވެ. ރާއްޖޭގައި ކޯވިޑް-19އިން ދިފާޢުވުމަށް އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން އުފައްދާ އެސްޓްރާޒެނެކާއާއި އޮކްސްފޯޑުގެ ވެކްސިންކަމަށްވާ "ކޮވިޝީލްޑް" ވެކްސިނެވެ. މި ވެކްސިންގެ ފުރަތަމަ ޑޯޒް ދެލައްކައަށްވުރެ ގިނަ މީހުން މިހާރު ވަނީ ޖަހާފައެވެ.

ކޮވިޝިލްޑް ވެކްސިން ޖެހުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފައިވަނީ މިދިޔަ ޖެނުއަރީމަހުގެ 28 ވަނަ ދުވަހުއެވެ. އަދި ޗައިނާގެ ސިނޯފާމް ވެކްސިންއާއި ޖަރުމަނުވިލާތުގެ ބަޔޯއެން ޓެކްގެ ފައިޒާ ވެކްސިން ރާއްޖޭގައި ދިނުމަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދީފައިވަނީ މިދިޔަމަހުގެ 15 ވަނަ ދުވަހުއެވެ. މާރޗު 22 އިން ފެށިގެން ރާއްޖޭގައި އަންނަނީ ސިނޯފާމް ވެކްސިންވެސް ޖަހަމުންނެވެ.