ކޯވިޑް-19

ކޯވިޑް-19 : އިތުރު 145 މީހަކު ޕޮޒިޓިވްވެ، ޖުމްލަ ޢަދަދު 25،000 އިން މައްޗަށް


ރާއްޖެއިން ކޯވިޑް-19އަށް އިތުރު 145 މީހުން ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު 25،000 އިން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭގެ ފާއިތުވި 24 ގަޑިއިރުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ މާލޭ ސަރަޙައްދުންނެވެ.

އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 6:00އިން ފެށިގެން މިއަދު އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން 145 މީހަކު ވަނީ ކޯވިޑް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 85 މީހުން ހިމެނެއެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުން 39 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 19 މީހަކާއި، އިންޑަސްޓްރިއަލް މަސައްކަތްކުރާ ރަށްރަށުން 2 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 25،053 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 125 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 21،898 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 3079 މީހުންނެވެ. އަދި 73 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 4،892 ސާމްޕަލެއް ވަނީ ނަގާފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 67 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 59 ދިވެހިންނާއި 8 ބިދޭސީންނެވެ.