ޚަބަރު

ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް މިމަހު ފަހުކޮޅު


ބ.ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް މިމަހު ފަހުކޮޅު ފެށޭވަރުވާނެކަމަށާ، އެމަސައްކަތް ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށް މަސައްކަތުގެ ކޮންޓެކްޓަރ މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ވިދާޅުވެއްޖެއެވެ.

މިމަސައްކަތުގެ ދަށުން އެރަށުގައި ހަދަންޖެހޭ ސާރވޭގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ކޮންސެޕްޓް ޑިޒައިން އެޕްރޫވްވެ، ސްވަރޭޖް ޓްރީމްނޓް ޕްލާންޓާ ފެނުގެ ވިއުގައަށް ބޭނުންވާ އާރުއޯ ބިލްޑިންގް އަދި ޕަންޕް ސްޓޭޝަން ލޭންޓް އެޕްރޫވަލް ލިބިފައިވާކަމަށްވެސް އެމްޑަބްލިއުއެސްސީގެ މެނޭޖިންޑައިރެކްޓަރ ހަސަން ޝާހް ވިދާޅުވިއެވެ.

މި މަސައްކަތުގެ އީއައިއޭ ހެދުމަށް ހުޅުވާލެވިފައިވާއިރު، ޑިޒައިންގެ މަސައްކަތް ކުރެވެމުންދާކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ. އަދި އާރުއޯ ބިލްޑިންގް ހެދުމަށް ކޮންޓެކްޓަރ ހަމަޖެހިފައިވާކަމަށްވެސް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.

މިމަޝްރޫގެ މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބާ، މަޝްރޫއާ ގުޅޭ މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދުވުމުގައި ޝާހް ވިދާޅުވީ ކެންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތްވެސް ރައްޔިތުން ބޭނުންވާ ގޮތަށް ކުރެވޭނެކަމަށެވެ. މަސައްކަތް ފެށުމުން ބާރުސްޕީޑެއްގައި ކުރިއަށްގެންގޮސް ނިންމާލާނެ ކަމުގެ ޔަޤީންކަން އޭނާ ރައްޔިތުންނަށް ދެއްވިއެވެ.

މި މަޝްރޫއުގެ ދަށުން އެރަށުގައި އާރުއޯ ބިލްޑިންގް އެއް ޤާއިމްކޮށް 5.4 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް ޤާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 250 ގޭބިސީއަކަށް މި ޚިދުމަތުގެ ކަނެކްޝަން ގުޅައިދީ ދުވާލަކު ފަސްދޮޅަސް ހަ އަކަ މީޓަރުގެ ފެން އުފެއްދޭވަރުގެ ދެ ޕްލާންޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްލާންޓް ތަކުން ހަދާ ފެން ރައްކާކުރުމަށް ހަތަރުސަތޭކަ ސާޅީސް ހަ އަކަ މީޓަރުގެ ދެ ތާނގީއާއެކު ވާރޭފެން ރައްކާކުރުމަށް 450 އަކަ މީޓަރުގެ ތާނގީއެއް ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ. ވާރޭފެންހިންދާ ނިޒާމެއްވެސް މި މަޝްރޫއުގެ ދަށުން އެރަށުގައި ޤާއިމް ކުރާނެއެވެ. އަދި މިތަނުގައި ހަދާ ފެން ތަހުލީލް ކުރުމަށް ބޭނުންވާ ސާމާނުވެސް މިރަށަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވިއެވެ.

ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ތެރެއިން ކެންދޫގައި 4.88 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކޮށް 250 ގޭބިސީއަކަށް ކަނެކްޝަން ގުޅައިދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ނަޖިސް ބޭރުކުރުމަށް ދެ ޕަންޕް ސްޓޭޝަން ޤާއިމް ކުރުމާއި ސީއައުޓްފްލޯ އެއްޅުމުގެ މަސައްކަތްވެސް އެރަށުގައި ކުރާނެއެވެ. އަދި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ މެޝިންވެސް މިމަޝްރޫއުގެ ދަށުން އެރަށަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ބ.ކެންދޫ ފެނާ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޑަބްލިއުއެސްސީއާ ޙަވާލުކުރައްވާފައިވަނީ 56.24 މިލިއަން ރުފިޔާއަށެވެ. މިމަސައްކަތް ޙަވާލުކުރީ 2020ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 15ވަނަ ދުވަހުއެވެ. މި މަޝްރޫގެ މަސައްކަތް ނިންމުމަަށް ކަނޑައަޅާފައިވާ މުއްދަތަށް ނިންމާލެވޭނެކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ. 2022ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 05ވަނަ ދުވަހަށް މިމަސައްކަތް ނިންމަންޖެހެއެވެ.