ޚަބަރު

"މީމު އެއަރޕޯޓް"ގެ އަމަލީ މަސައްކަތް ފަށައިފި


މުލަކަތޮޅުގައި ތަރައްޤީކުރާ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއިން ފަށައިފިއެވެ. މިކަމަށްޓަކައި މުލަކުގައިވަނީ ޚާއްސަ ރަސްމިއްޔާތެއް ކުރިއަށްގެންގޮސްފައެވެ.

މުލަކަތޮޅުގައި އެއަރޕޯޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ 28ވަނަ ދުވަހުއެވެ. މުލަކަތޮޅުގެ "މީމު އެއަރޕޯޓް" ތަރައްޤީކުރަނީ އެއަތޮޅު މުލީގައެވެ.

މުލަކަތޮޅަކީ، 30މިނެޓުން ދަތުރުކޮށް އެއަރޕޯޓަކަށް ނުދެވޭ ހަމައެކަނި އަތޮޅެވެ. އެއަތޮޅުގައި މީހުން ދިރިއުޅޭ 8 ރަށް އޮންނައިރު އަތޮޅުގެ އާބާދީއަކީ 7700މީހުންނެވެ. ދަތުރުފަތުރުގެ ރަނގަޅު ނިޒާމެއް ޤާއިމުވެފައި ވުމަކީ ރަށުގެ ރައްޔިތުންގެ އެތައް ޒަމާނެއްވީ އުއްމީދެކެވެ.

މުލީގައި އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމްއާއި ދިއްގަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިކްރާމް ޙަސަންއެވެ.

މުލީ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމް ވިދާޅުވީ އެކުންފުނިން މުލަކަތޮޅުގައި ފަށާފައިވާ ބޮޑެތި މަޝްރޫޢުތަކާއެކު، އެމްޓީސީސީއަކީ މުޅި އަތޮޅުގެ ތަރައްޤީގެ ބައިވެރިޔާކަމަށެވެ. އާޒިމް ވިދާޅުވީ މުލީ އެއަރޕޯޓްގެ މަސައްކަތަކީ އަތޮޅުގެ ރައްޔިތުންނަށް ހަމައެކަނި ކުރަހައިދިން ކުރެހުމެއް ނޫންކަމަށެވެ. މިކަމުގެ ޢަމަލީ މަސައްކަތް ފެށިގެންދާއިރު، ޕްރޮޖެކްޓްގެ މަސައްކަތަށް ހުއްޓުމެއް ނައިސް އަންނަ އަހަރުގެ ފުރަތަމަ ކުއަރޓަރގައި އެއަރޕޯޓްގެ ޚިދުމަތް ރައްޔިތުންނަށް ދެވޭވަރަށް މަސައްކަތް ނިންމާނެކަމުގެ ފުރިހަމަ ޔަގީންކަން އާދަމް އާޒިމްވަނީ ދެއްވާފައެވެ.

"ކުރިން ވާގޮތަކީ ރަންވޭއެއް އަޅާފަ ބުނާނެ އެއަރޕޯޓެކޭ. މުޅިން ނުނިމި 2-3 އަހަރު މަޑުކުރަންޖެހޭ ރައްޔިތުންނަށް ނުލިބި. ނަމަވެސް އަޅުގަނޑުމެން ޔަގީންކަން މިދެނީ އެމްޓީސީސީން މިފެށި މަސައްކަތް ހުއްޓުމެއް ނެތި ގެންގޮސް އޭޕްރިލް މަހު ޚިދުމަތް ފެށޭވަރަށް ނިންމާނެކަމުގެ." ޢާޒިމް ވިދާޅުވިއެވެ.

މުލަކަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ނިޔާޒު ވިދާޅުވީ މުލަކަތޮޅަކީ ނިސްބަތުން އެންމެ ގިނަ މަޝްރޫޢު ސަރުކާރުން ހިންގާ އެއް އަތޮޅު ކަމަށެވެ. އެގޮތުން 7700 މީހުންގެ ޢާބާދީއެއް އޮތް މުލަކަތޮޅުގައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އަގު 600 މިލިއަނަށް އަރާކަމަށް މުހައްމަދު ނިޔާޒް ވިދާޅުވިއެވެ.

"ދިއްގަރު ބިންހިއްކުން، މީމު މަސް ބަނދަރު، މީމު އެއަރޕޯޓް، މި މަޝްރޫޢުތަކަށްވެސް 390މިލިއަން އެބަ ހޭދަވޭ. އެއީ ނިސްބަތުން ބޮލަކަށް 51ހާސް ރުފިޔާ. މިއީ އާބާދީގެ ނިސްބަތުން އެންމެ ބޮޑެތި މަޝްރޫޢުތައް ކުރިއަށްގެންދާ އަތޮޅު." މުޙައްމަދު ނިޔާޒު ވިދާޅުވިއެވެ.

މ.މުލީ ކައުންސިލްގެ ރައީސް އަޙުމަދު ޝާތިރު ވިދާޅުވީ ދަތުރުފަތުރުގެ އުނދަގޫ ނިޒާމުގެ ސަބަބުން، މުޅި އަތޮޅުގެ އިޤްތިޞާދީ ކުރިއެރުމަށް ގޮންޖެހުމާ ކުރިމަތިވެފައިވާކަމަށެވެ. އަދި ކުއްލި ޙާލަތްތަކުގައި ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމާއި، ވަޒީފާގެ ރޮނގުންވެސް އަތޮޅު އޮތީ ފަހަތުގައިކަމަށެވެ.

"3ގަޑިއިރުގެ ދިގު ދަތުރެއް ކުރަންޖެހެނީ ރަށަށް އަންނަން ނޫނީ މާލެ ދާން. ބަލި މީހުން ގެންދިއުން އެއީ ބޮޑު ތަކުލީފެއް. ފަތުރުވެރިކަމަށް ބަލާއިރު ފަތުރުވެރިން ގެންނަން އެތައް ވަގުތެއް ހޭދަވޭ. އެއަރޕޯޓުގެ ކަންކަން ޙައްލުވުމުން ވަޒީފާގެ ފުރުޞަތުތައް މުޅި އަތޮޅަށް ހުޅުވިގެންދާނެ." އަޙުމަދު ޝާތިރު ވިދާޅުވިއެވެ.

މީމު އެއަރޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެކެވެ. އެއަރޕޯޓް އެޅުމަށް އެރަށުން 14ހެކްޓަރުގެ ބިން އިތުރަށް ހިއްކާނެއެވެ. އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނެނީ 1200މީޓަރުގެ ރަންވޭއާ، ޓަމިނަލްއާ، ޓެކްސީވޭއާ އޭޕްރަންގެ މަސައްކަތެވެ.