ތަރައްްޤީ

މުލަކާއި ހުޅުދުއްފާރު މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އާރް.ޑީ.ސީއާ ހަވާލުކޮށްފި


2 ރަށެއްގެ ބޮޑެތި މަގުތަކުގައި ތާރުއެޅުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރް.ޑީ.ސީއާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އާރް.ޑީ.ސީއާއި ޙަވާލުކޮށްފައިވަނީ މ. މުލަކާއި، ރ. ހުޅުދުއްފާރުގެ ބޮޑެތި މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫޢެވެ.

މި 2 މަޝްރޫޢު އެކުންފުންޏާއި ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޕާރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދެވެ. އާރް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކެވެ.

މި 2 މަޝްރޫޢުގެ ތެރެއިން މުލަކު މަގުތަކުގައި ތާރުއެޅުމަށް އާރް.ޑީ.ސީއާއި ޙަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލުން 420 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ. މުލަކުގައި 5.8 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ހަމަޖެހިފައިވާއިރު، މަގުބައްތިޖެހުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢަށް ސަތޭކަ ހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ރ.ހުޅުދުއްފާރުގެ ބޮޑެތި މަގުތަކުގައި ތާރުއެޅުމަށް އާރް.ޑީ.ސީއާއި ޙަވާލުކޮށްފައިވަނީ 390 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ފުރިހަމަކުރާގޮތެވެ. މި މަޝްރޫޢުވެސް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލުންނެވެ.

އެގޮތުން މި މަޝްރޫޢުގެ ދަށުން އެރަށުގެ 3.2 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ހަމަޖެހިފައިވެއެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކޮށް، މަގުބައްތިޖެހުމަށްވެސް ވަނީ ނިންމާފައެވެ. މި މަޝްރޫޢަށް ޖުމްލަ އަށްޑިހަ އަށް މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.