ޚަބަރު

ކަނޑުހުޅުދުއާއި ކޮނޑޭގެ އައު އިންޖީނުގޭގެ ބިންގާ އަޅައިފި


ގއ.ކަނޑުހުޅުދޫގައި ًކޮނޑޭގައި ޢިމާރާތްކުރާ އައު އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.

ދެރަށުގައި ވަކިވަކިން ބޭއްވި ރަސްމިއްޔާތުތަކުގެތެރެއިން ކަނޑުހުޅުދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަޢީދާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދުގެ އިތުރުން ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް އަޙްމަދު ޝަހީމްއެވެ.

ގއ. ކޮނޑޭގައި އަލަށް އިމާރާތްކުރާ އިންޖީނުގެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ އެމް.ޑީ އަޙުމަދު ސައީދު މުޙައްމަދާއި، ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށި ދާއިރާގެ މެންބަރު އަޙުމަދު ސައީދާއި ގއ. އަތޮޅު ކައުންސިލްގެ ރައީސް އަޙުމަދު ފުއާދާއި، ކޮނޑޭ ކައުންސިލްގެ ރައީސް އަޙުމަދު ޢަބްދުލް ޙަކީމެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވީ ކަނޑުހުޅުދޫ އިންޖީނުގޭގެ މަޝްރޫޢަކީ 5.5 މިލިޔަން ރުފިޔާގެ މަޝްރޫޢެއް ކަމަށެވެ. މިމަސައްކަތް ޙަވާލުކޮށްފައިވަނީ އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މިމަސައްކަތް ފަށާތާ 180 ދުވަސް ދޭތެރޭގައި މަސައްކަތް ނިންމަންޖެހޭނެ ކަމަށްވެސް ސަޢީދުވަނީ ވިދާޅުވެފައެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވީ ފެނަކައިން ރާއްޖޭގެ ރަށްތަކުގައި މިހާރު ޢިމާރާތްކުރާ އިންޖީނުގެތަކަކީ މިހާރުހުރި އިންޖީނުގެތަކާ ވަރަށްތަފާތު އިންޖީނުގެތަކެއް ކަމަށާ، މި އިންޖީނުގޭގެ ސަބަބުން ރައްޔިތުންނަށް އެއްވެސް އުނދަގުލެއް ކުރިމަތި ނުވާނެކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ރަށްރަށުގެތެރެއިން މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރަޙައްދުތަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މިއަހަރު މިހާތަނަށް ފެނަކައިންވަނީ ގިނަ ރަށްރަށުގައި އިންޖީނުގެ އެޅުމަށް ނިންމައި އެތަންތަނުގެ ބިންގާ އަޅާފައެވެ.