ޚަބަރު

ށ.ޅައިމަގު ފަޅު ފުންކުރުމުގެ މަޝްރޫޢު ނިމިއްޖެ


ށ.ޅައިމަގު ފަޅު
ފުންކުރުމުގެ މަޝްރޫޢު ނިމިފައިވާ ކަމަށް ޕަބްލިކް ވޯރކްސް ސަރވިސް އިން
ހާމަކޮށްފި އެވެ.



ހައުސިންގ މިނިސްޓްރީގެ
ޕަބްލިކް ވޯރކްސް ސަރވިސް އާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގައި،
ޅައިމަގު ފަޅުން 355 ފޫޓުގެ ސަރަޙައްދެއް ކޮނެ ފުންކޮށްފައިވާ ކަމަށް ޕަބްލިކް
ވޯރކްސް ސަރވިސްގެ އިން މައުލޫމާތު ދެއްވާފައިވެ އެވެ.



ޕަބްލިކް ސަރވިސް މީޑިޔާ، ޕީއެސްއެމްއަށް
މައުލޫމާތު ދެއްވަމުން ޅައިމަގު ކައުންސިލްގެ ރައީސް އަބްދުލް ޢަނީ އިބްރާޙީމް
ވިދާޅުވީ، ޅައިމަގު ފަޅު ފުންކުރީ އެރަށުގައި މިހާރު ހަދާފައި އޮތް ބަނދަރަށް ވެލި
ވަދެ، ބަނދަރު
ތިލަވަމުންދާތީ ކަމަށެވެ. އަދި ފަޅު ފުންކުރުމުގެ ސަބަބުން ވަގުތީ ޙައްލެއް ލިބުނު
ނަމަވަސް އެމައްސަލަ އެއްކޮށް ޙައްލުވާނީ ޒަމާނީ ބަނދަރެއް އެރަށުގައި
ޤާއިމްކުރެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ.



ފަޅު ފުންކުރުމުގެ
މަޝްރޫޢުގެ އިތުރުންވެސް ޕަބްލިކް ވޯރކްސް ސަރވިސް އިން ވަނީ ޅައިމަގުގައި
ފުޅުބޯޅަ ދަނޑު އަޅާ ސަރަހައްދާއި، ކުނި އަޅާ ސަރަޙައްދު އަދި އެރަށުގެ މަގުތަކަށް
ވެލި އަޅާ ލެވެލް ކޮށް ދިނުމުގެ މަސައްކަތްވެސް ކޮށްދީފައިކަމަށް ޅައިމަގު
ކައުންސިލުން މައުލޫމާތު ދެއްވާފައިވެ އެވެ.



ޅައިމަގު ފަޅު ފުންކުރުމުގެ
މަސައްކަތަށް 4 ލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާ ކަމަށް ޕަބްލިކް
ވޯރކްސް ސަރވިސް އިން މައުލޫމާތު ދެއްވާފައިވެ އެވެ.