މިވަގުތަކީ ރާއްޖޭގައި އެއްހަފަހަރާ އެންމެ ގިނަ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަށް ފަށައިގެން ކުރިއަށްގެންދާ ވަގުތުކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ޙިއްސާކުރައްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުޙަންމަދު މަބްރޫކް އަޒީޒް ވިދާޅުވީ 1200މަޝްރޫޢުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފަށްޓަވާފައިވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކުދި މަޝްރީޢުތަކުން ފެށިގެން ބޮޑެތި ގިނަ މަޝްރޫޢުތަށް ފަށައިގެން ކުރިއަށްދާކަމަށެވެ. ވަކި ރަށެއް ބާކީ ނުކޮށް އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަށް ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކުގައި ކުރިއަށްދާކަން މަބްރޫކް ފާހަގަކުރެއްވިއެވެ.
"1200އަށްވުރެ ގިނަ މަޝްރޫޢުގެ މަސައްކަތް މިވަގުތުވެސް ފަށައިގެން އެބަ ކުރިއަށްދޭ. މިއީ ސީދާ މި ސަރުކާރުން ފަށާފައިވާ މަސައްކަތްތައް. މިއީ މީގެ ކުރިން އެއްވެސް ސަރުކާރަކަށް މަޝްރުޢުތައް ހިންގިފައިވާ އަދަދެއް ނޫން." މަބްރޫކް އަޒީޒް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ފާއިތުވި މަސްދުވަހުގެ ތެރޭގައި 9މަޝްރޫޢުއެއްގެ ޢަމަލީ މަސައްކަތް މުޅިން ނިމިފައިވާކަމަށެވެ. އަދި އިތުރު މުޅިން އާ 7 މަޝްރޫޢުއެއްގެ ޢަމަލީ މަސައްކަތް ނިމުނު މަހު ފަށައިގެން ކުރިއަށްދާކަމަށެވެ.
"އަލަށް ފެށި މަސައްކަތްތަކުގައި ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތާ، ފެރީ ޓަރމިމަލްތައް ހެދުމާ، ބަނދަރާ ރަށްރަށުގައި އައުޓް ޑޯ ޖިމްތައް ހެދުމުގެ މަސައްކަތް ހިމެނޭ." މަބްރޫކް ވިދާޅުވިއެވެ.
ސަރުކާރުންދަނީ އާބާދީއަށް ނުބަލާ، ހުރިހާ ރަށްތަށް ހިމެނޭހެން މުހިންމު މަޝްރޫޢުތަށް ހިންގަމުންނެވެ. އެގޮތުން އެންމެ މުހިންމު މަސައްކަތެއްގޮތުގައި ފަށާފައިވަނީ ރަށްރަށުގެ ބަދަރުތަށް ތަރައްޤީކުރުމާ، ފެނާ ނަރުދަމާ ނިޒާމުގެ މަސައްކަތްކެވެ. ފެނާ ނަރުދަމާގެ ޚިދުމަތަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަނޑައަޅާ، 2023ގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ އެޅުމުގެ މަސައްކަތް ނިންމައި ޚިދުމަތް ފެށުމަކީ ސަރުކާރުގެ ޢަމާޒެވެ.
މިދިޔަ މަހުވެސްވަނީ ގިނަ ރަށްތަކެއްގައި ފެނާ ނަރުދަމާ އެޅުމަށް ކުންފުނިތަކާ ހަވާލުކޮށްފައެވެ. ފެނާ ނަރުދަމާގެ މަސައްކަތް މިވަގުތު ހަވާލުނުކުރެވި ވަނީ 30ރަށުގައި އެކަނި ކަމަށް ޕްލޭނިންގ މިނިސްޓަރ އަސްލަމް މީގެކުރިން ވިދާޅުވެފައިވެއެވެ. ނަމަވެސް މި ރަށްރަށުގެ ޢަމަލީ މަސައްކަތް ހަވާލުކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ދަނީ ކުރިއަށްގެންދަމުންނެވެ.