ޚަބަރު

އަލާސްކަންފުޅާ އުޅުއްވުމަށްފަހު ހުސެއިން ވަހީދު މަޖިލިސް ޖަލްސާތަކަށް ވަޑައިގަންނަވަން ފައްޓަވައިފި


ޞިއްޚީ ހާލުކޮޅު ދެރަވެ ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާ މެމްބަރު ހުސެއިން ވަހީދުގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވާން ފައްޓަވައިފިއެވެ.

ހުސެއިން ވަހީދު މަޖިލިސް ޖަލްސާތަކުގައި ބައިވެރިވާން ފަށާފައިވަނީ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ. މަޖިލިސް ޖަލްސާތަކުގައި ހުސެއިން ބައިވެރިވާން ފެއްޓެވީ އިއްޔެއެވެ. އަދި މިއަދު ވަނީ މަޖިލީހުގައި ވާހަކަ ދައްކަވާފައެވެ.

ހުސެއިން ވަހީދު ވަނީ އޭނާ އާލަސްކަންފުޅާއި އުޅުއްވިއިރު ގިނަ ބައެއްގެ ހެޔޮ ދުޢާއާއި މެސެޖު ލިބުނުކަމަށް ވިދާޅުވެ، އެކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި މިއަދު އަނެއްކާވެސް އެނބުރި އައިސް ރައްޔިތުންނާއި މުޚާތަބްކޮށް ވާހަދެއްކޭކަމީ ﷲއަށް ޝުކުރު ކުރާކަމެއްކަމަށް ހުސެއިން ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑު އެންމެ ފުރަތަމަވެސް ވަރަށް ގިނަ ދުވަސް ރާއްޖެއިން ބޭރުން ބޭސްފަރުވާއެއް ކުރުމަށްފަހު މިއަދު އަނެއްކާވެސް މިހިސާބަށް އައިސް ތިޔަ އެންމެބޭފުޅުންނާއި ބައްދަލުވެ އެއްޗެއް ބުނެލަން ލިބުމުން މާތްﷲ ސުބުހާނަހޫ ވަތަޢާލާގެ ހަޒުރަތަށް ޝުކުރު ކުރަން. އަދި ހަމައެއާއިއެކު އަޅުގަނޑު ބޭރުގައި ހޭދަކުރި ދުވަސްތަކުގައި އަޅުގަނޑުގެ ވަރަށް ގާތް ރައްޓިހިންނާއި، ދާއިރާގެ އެކިއެކި ރައްޔިތުންނާއި، ހެޔޮއެދޭ އެތައް މެމްބަރުންނެއް އަޅުގަނޑަށް ގުޅައި ހާލުބަލަމުން ދިޔަ ކަމަށްޓަކައި އުފާކޮށް އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި އަޅުގަނޑަށް ހެޔޮ ދުޢާ ކޮށްދެއްވި އަދި ހެޔޮ ދުޢާކޮށްދެއްވަމުންދާ ހުރިހާ އަހުންނާިއ ހުތުހުންނަށް ހިތުގެ އެންމެ އަޑިން ޝުކުރު ދަންނަވަން." ހުސެއިން ވަހީދު ވިދާޅުވިއެވެ.

ހުސެއިން ވަހީދަކީ މީގެ ކުރިންވެސް މަޖިލީހުގައި ކޮމަންޑޫ ދާއިރާ ތަމްސީލް ކުރެއްވި މެމްބަރެކެވެ. އެއްދައުރުގެ މެދުކެނޑުމަކަށްފަހު މިއީ މަޖިލީހުގައި ކޮމަންޑޫ ދާއިރާ ތަމްސީލް ކުރައްވާ ދެވަނަ ދުއުރެވެ.