ޚަބަރު

މިއަހަރު ނިމުމުގެކުރިން މާލޭ ވިޔަފާރި ބަނދަރު އައިއެސްއޯ ސެޓިފައިޑް ތަނަކަށް ހެދުމަކީ އަމާޒެއް - ޝާހިދު


މިއަހަރު ނިމުމުގެ ކުރިން މާލޭ ވިޔަފާރި ބަނދަރަކީ "އައިއެސްއޯ ސަޓިފައިޑް" ސަލާމަތީ ކަންކަން ބަލަހައްޓާ ސިސްޓަމެއް ޤާއިމްކޮށްފައިވާ ތަނަކަށް ހެދުމަކީ އަމާޒެއްކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)ގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވެއްޖެއެވެ.

އެމްޕީއެލުން މާލެ ވިޔަފާރި ބަނދަރު ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމައްޓަކައި ކުރައްވަމުން ންގެންދަވާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި އެކުންފުނީގެ ސީއީއޯ ޝާޙިދު ޢަލީ ވިދާޅުވީ، މާލެ ވިޔަފާރި ބަނދަރުގައި ކުރެވޭ މަސައްކަތްތަކަކީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކުރާ މަސައްކަތަކަށް ހެދުމަށް އަބްދުވެސް ކުންފުނިން އިސްކަންދެއްވާކަމަށެވެ.

އެގޮތުން އެމްޕީއެލްގެ މުވައްޒަފުންނާއި، ވިޔަފާރި ބަނދަރަށް ވަންނަ އެހެން މުވައްޒަފުންގެ އިތުރުން މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުންފުނިން ކުރަމުންގެންދާކަމަށް ޝާހިދު ވިދާޅުވިއެވެ. މިހާރު އެންމެ ބޮޑަށް އަމާޒު ހިފާފައިވަނީ މާލޭ ވިޔަފާރި ބަނދަރަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ސޭފްޓީ މެނޭޖްކުރެވޭތަނަކަށް ހެދުމަށްކަމަށާއި، މިކަމުގެ ތެރެއިން އެމްޕީއެލްގެ އޮޕަރޭޝަންތައް ކުރިއަށްގެންދާ ހުޅުމާލެ ޓާމިނަލްގެ ސަލާމަތީކަންކަންވެސް ކަށަވަރުކުމަށް ނިންމާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

"މިވަގުތު އަޅުގަނޑުމެން އެންމެ އިސްކަންދީގެން ކުރަމުން މިގެންދަނީ މާލެ ކޮމާޝަލް ހާބަރާއި، ހުޅުމާލެ ޓާމިނަލްއަކީ އައިއެސްއޯ ސަޓިފައިޑް ސޭފްޓީ މެނޭޖްމަންޓް ސިސްޓަމެއް އިން ތަނަކަށް ހެދުމަށް. އެކަން ކުރުމައްޓަކައި ކޮންސަލްޓަންޓެއް ހަޔާކުރުމުގެ މިހާރު އަޅުގަނޑުމެން ފަށައިފިން. އަމާޒަކީ މިއަހަރު ނިމޭއިރު އެމްޕީއެލްއަށް އެސެޓިފިކެޓް ލިބޭގޮތްވުން" އެމްޕީއެލްގެ ސީއީއޯ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެސެޓްފިކެޓް ލިބިގެންދާއިރު ލިބޭ އެންމެބޮޑު ހިންހަމަޖެހުމަކީ އެ އެހިސާބުން ފެށިގެން ސޭފްޓީ މެނޭޖްކުރުމުގެ ރަނގަޅު ހަރުދަނާ ސިސްޓަމެއް ލިބިގެންދާނެތީކަމަށެވެ. އެގޮތުން އައިއެސްއޯ ސެޓިފިކޭޝަންއާއެކު ގިނަ އޮޑިޓްތަކެއް ހެދި ޕްރޮސެސްތަކެއް އިތުރުވުމާއެކު، ޤާއިމްކުރެވޭ އިންތިޒާމުތައް ދެމެހެއްޓެނިވިގޮތެއްްގައި ކުރިއަށްގެންދެވޭނެކަމަށެވެ.

ދާދިފަހުން މާލެ ވިޔަފާރި ބަދަރު ސަރަހައްދުގައި ހިނގި ހިތާމަވެރި ދެ ޙާދިސާއެއްގައި 2 މީހަކު ނިޔާވުމާއި ގުޅިގެން އެ ބަނދަރު ޞަރޙައްދުގެ ސަލާމްތެރިކަމާއި ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމަށް ޤަވާޢިދުތައް އިޞްލާޙުކޮށް، އައު ޤަވާއިދުތައް އެކުލަވާލައި ބަނދަރުގެ ތަނުގައި ހަރަކާތްތެރިވާ އެންމެނަށް ފުރިހަމަ ތަމްރީނު ދިނުމަށް ނިންމައި އެކަމުގެ ތައްޔާރީތައްދަނީ ވަމުންނެވެ.