ރަމަޟާންމަހު ވެކްސިން ދިނުން ކުރިއަށްގެންދެވޭނީ މަދު ގަޑިތަކެއްގައިކަމަށްވާތީ މާލެ ސަރަޙައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާތިބި މީހުން ސިނޯފަރމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން އަވަސްކުރެއްވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ވިދާޅުވީ މާލެ ސަރަޙައްދުގައި އުމުރުން 18 އަހަރާއި 60 އަހަރުގެ މީހުންގެ ތެރެއިން ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ފަރާތްތަކުން ސިނޯފަރމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން އަވަސްކުރެއްވުމަށް ދަންނަވާކަމަށެވެ.
ކުރިއަށްއޮތް ރަމަޟާން މަހުގައި ވެކްސިން ދިނުން ކުރިއަށްގެންދެވޭނީ މަދު ގަޑިތަކެއްގައި ކަމުން ރަމަޟާން މަހުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.
ސިނޯފަރމް ވެކްސިންގެ 2ވަނަ ޑޯޒް، ފުރަތަމަ ޑޯޒް ޖަހާތާ 4 ހަފްތާ ވުމުން ޖެހޭނެކަންވެސް އެޗްޕީއޭއިންވަނީ ހާމަކޮށްފައެވެ.
އަދި ޒަމާނުއްސުރެ ޖަހަމުންގެންދާ ޕޯލިއޯ، ރޭބީސް ފަދަ ވެކްސިންތައް ތައްޔާރުކޮށްފައިވަނީ މިވެކްސިން އުފެއްދި ޓެކްނޮލޮޖީ ބޭނުންކޮށްގެންކަމަށް އެއޭޖެންސީން ވިދާޅުވިއެވެ.
ސިނޯފަރމް ވެކްސިނަކީ ކޯވިޑް-19 އަށް ދެމުންގެންދާ އެހެން ވެކްސިންތަކެކޭ އެއްފަދައިން ރައްކާތެރި ވެކްސިނެއްކަމަށާއި މި ވެކްސިންއަކީ "އިން އެކްޓިވޭޓަޑް" ވައިރަސް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ވެކްސިނެއްކަމުން މިއީ ގިނަ ޒަމާންތަކެއް ވަންދެން ރައްކާތެރިކަން ޔަޤީންކުރެވިފައިވާ ވެކްސިން އުފެއްދުމުގެ ޓެކްނޮލޮޖީއެެއްކަމަށް.
ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެއަރޕާސަން ޑރ. އަޙްމަދު ފައިސަލް ވިދާޅުވީ މާލެ ސަރަޙައްދުގައި މިހާރު ޖަހަމުންދާ ސިނޯފަރމް ވެކެސިންއަކީ ރާއްކާތެރި ވެކްސިނެއްކަމަށާއި، ދުނިޔޭގެ އެތައް ޤައުމެއްގައި އެވެކްސިން ބޭނުންކުރަމުންދާކަމަށެވެ.
"ދުނިޔޭގެ 21 ޤައުމެއްގައި މިހާރުވެސް މިވެކްސިން ޖަހަމުން އެބަދޭ. އަދި މިހާރު މި ވެކްސިން ޖަހަން ކަނޑައަޅާފައިވާ އުމުރުފުރާއަށްވުރެ މަތީ އުމުރުރުރާތަކަށާއި، އެނޫންވެސް އުމުރު ފުރާތަކަށް ވެކްސިން ޖެހަން ހުއްދަދޭން ބޭނުންވާ ޓްރެއިލްތައް މިހާރުދަނީ ފުރިހަމަކުރަމުން" ޑރ. ފައިސަލް ވިދާޅުވިއެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ މިހާރު ރާއްޖޭގައި އެންމެ ގިނަ މީހުން ޖަހާފައިވާ ކޮވިޝީލްޑް ވެކްސިން ކުރިށްއޮތްތަނުގައި ދެމުންދާނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް އެކަނިކަމަށެވެ.