ވިޔަފާރި

ފަތުރުވެރިކަމުގެ ސިނާއަތުގެ 14000 އަށްވުރެ ގިނަ މުވައްޒަފުންނަށް ވެކްސިން ދީފި


ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ 14000 އަށްވުރެ ގިނަ މުވައްޒަފުން ކޯވިޑް19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޙާއްސަ އިސްކަމެއްދީގެން ވެކްސިން ޖެހުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ސަބަބަކީ ރާއްޖެ އަންނަ ފަތުރުވެރިންނާއި އެންމެ ގާތުން މަސައްކަތް ކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ މުވައްޒަފުންނަށް ވުމެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 14898 މުވައްޒަފުންނަށް މިހާތަނަށް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާކަމަށެވެ. މީގެތެރެއިން އެންމެ ގިނައިން ވެކްސިން ޖަހާފައިވަނީ ރިސޯޓްތަކުގައި ޕްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.

ރިސޯޓްތަކުގައި މަސައްކަތްކުރާ 14147 މުވައްޒަފަކު މިހާތަނަށް ވަނީ ވެކްސިން ޖަހާފައެވެ. ގެސްޓްހައުސްތަކުގެ 306 މުވައްޒަފަކަށް، ސަފާރީތަކުން 220 މުވައްޒަފަކަށް، ހޮޓެލްތަކުން 70 މުވައްޒަފަކަށް ވެކްސިން ވަނީ ޖަހާފައެވެ. މީގެއިތުރުން 64 މިއުޒީޝަނުންނަށް، 24 ޓްރެވެލް އެޖެންޓުންނަށް އަދި ޓޫރިޒަމް މިނިސްޓްރީގެ ފްރަންޓްލައިންގައި މަސައްކަތްކުރާ 67 މުވައްޒަފަކަށް މިހާތަނަށް ވެކްސިން ޖަހާފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގައި ކޯވިޑް ވެކްސިން ދިނުމުގެ ޤައުމީ ޕްރޮގްރާމް ފަށާފައިވަނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެކްސިން ޖަހަން ފަށާފައިވަނީ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ.

ރިސޯޓްތަކަށް ވެކްސިން ޖެހުމުގެ ހުއްދަ ދެނީ ވަކި ޙާއްސަ ކަންތައްތަކެއް ފުރިހަމަވެފައިވާނަމައެވެ. އޭގެތެރޭގައި ރަޖިސްޓްރޭޝަންއާއި، ވެކްސިން ޖަހާނެ ތަނާއި، ވެކްސިން ޖަހާ ނިންމުމަށްފަހު މޮނިޓަރިންގައި ބަހައްޓާނެ ތަނަކާއި، ކަމެއް ދިމާވެއްޖެނަމަ ބެލޭނެ އިންތިޒާމް ހުންނަންޖެހެއެވެ. ވެކްސިން ޖެހުމުގެ ހުއްދަ ދީފައިވާ ރިސޯޓްތަކާއި ކައިރީގައި ހުރި ރިސޯޓްތަކުންވެސް ވެކްސިން ޖެހުމަށް އެ ރިސޯޓްތަކަށް އަންނަމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީން ވިދާޅުވީ، ޓޫރިޒަމް ސިނާއަތުގެ އެއްވެސް މުވައްޒަފަކު ވެކްސިން ޖަހަން ބޭނުންވެ، ވެކްސިން ނުޖެހި ނުދާނެކަމަށާއި އެކަމުގެ ޔަޤީންކަން މިނިސްޓްރީން ދޭކަމަށެވެ.