ކޯވިޑް-19

ކޯވިޑް-19 ދިފާޢު : މިއަދު ވެކްސިން ޖެހީ 273 މީހުން


ކޯވިޑް-19އިން ދިފާޢުވުމަށް އިތުރު 273 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފިއެވެ.

މާލޭ ސަރަޙައްދުގައި ވެކްސިން ޕްރޮގްރާމް މިއަދު ކުރިއަށްގެންގޮސްފައިނުވެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ވެކްސިން ސެންޓަރުތަކުގައި 273 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް 227،696 މީހުން މިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައެވެ. އެއީ މާލެ ސަރަޙައްދުން ވެކްސިން ޖަހާފައިވާ 127،277 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 100،419 މީހުންނެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިން ޖަހަން ފަށާފައިވާއިރު، މާލެއާއި ވިލިމާލެއާއި ހުޅުމާލެ ހިމެނޭހެން ގްރޭޓަރ މާލޭ ސަރަޙައްދުގައި 8 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި 2، މޯބައިލް ޓީމުން މާލޭ ސަރަޙައްދުގައި ވެކްސިން ޖަހައިދިނުމަށް ދަނީ ހަރަކާތްތެރިވަމުންނެވެ. އަތޮޅުތަކުގައި ވެކްސިން ޖެހުން މިވަގުތު 169 ސެންޓަރެއްގައި ދަނީ ކުރަމުންނެވެ.

މާލެ ސަރަޙައްދުގައި ވެކްސިން ޖެހުން ކުރިއަށްދާ ސަރަހައްދުތަކުގެ ތެރޭގައި ސޯޝަލް ސެންޓަރ، އިސްލާމީ މަރުކަޒު، ވިލިމާލެ ޒުވާނުންގެ މަރުކަޒު، ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ގާއިމްކޮށްފައިވާ ސެންޓަރ، ސެނަހިޔާ އަދި ޓްރީޓޮޕް ހޮސްޕިޓަލް ހިމެނެއެވެ. މީގެ ތެރެއިން ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލެ ޒުވާނުންގެ މަރުކަޒު ފިޔަވައި އެހެން ހުރިހާ ސެންޓަރުތަކުގައިވެސް ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 10:00 އިން މެންދުރުފަހު 15:00އާ ހަމައަށެވެ. ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 10:00 އިން މެދުރު 12:00އާ ހަމައަށެވެ.

ރާއްޖޭގައި ޢާއްމުކޮށް ހުޅުވާލައިގެން ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒްޖެހުން ކުރިއަށްގެންދާއިރު، މިދުވަސްވަރު ޚާއްސަ ޙާލަތްތަކާ ގުޅިގެން ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ބޭނުންވާ މީހުންނަށް އެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވީ ޚާއްސަ ޙާލަތުގެ ގޮތުގައި ބަލަނީ، ޚާއްސަ ޙާލަތަކާ ގުޅިގެން ރާއްޖެއިން ބޭރަށް ދަތުރުކޮށް، އަދި ފުރަތަމަ ޑޯޒް ޖެހިތާ 12 ހަފްތާ ވާންވާއިރަށް އެނބުރި ނާދެވޭ މީހުންކަމަށެވެ.