ކޯވިޑް-19

ފެލިވަރު މޮނިޓަރިންގެ ޙާލަތަށް، އަދި އެއްވެސް މުވައްޒަފަކު ޕޮޒިޓިވް ނުވޭ - މިފްކޯ


ކޯވިޑް-19އާ ގުޅިގެން ޅ.ފެލިވަރުވެސް މޮނިޓަރިންގެ ޙާލަތަށް ލައިފިއެވެ.

މިކަމާގުޅިގެން މިފްކޯއިން ވިދާޅުވީ، ފެލިވަރުގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވެފައިނުވާކަމަށެވެ. ފެލިވަަރު ސެންޓަރުގައި ތިބި މުވައްޒުންގެ ޙާލަތު ދެނެގަތުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ޓީމެއް ރޭގެ ވަގުތެއްގައި ވަނީ ފެލިވަރަށް ގޮސްފައެވެ. އަދި އެތަނުގައި މަސައްކަތް ކުރާ 104 މުވައްޒަފެއްގެ ސާމްޕަލް ވަނީ ނަގާފައެވެ.

ފެލިވަރު މޮނިޓަރިންއަށް ލާފައިވަނީ ނައިފަރުން ފެނުނު ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްއަކާ ގުޅިގެންނެވެ. ނައިފަރުން އެންމެ ފުރަތަމަ ކޯވިޑް-19ގެ ކޭސްއެއް ފެނިފައި ވަނީ މިމަހުގެ 23ވަނަ ދުވަހު އެވެ.

މިފްކޯއިން ވިދާޅުވީ، ސާމްޕަލްނެގި އެއްވެސް މުވައްޒަފެއްގެ ނަތީޖާ އަދި ލިބިފައިނުވާކަމަށެވެ. މިކަމާގުޅިގެން އެޗް.ޕީ.އޭއަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން އެކުންފުނިން ދެމުންދާކަމަށްވެސް މިފްކޯއިން ވިދާޅުވެފައިވެއެވެ.

މިފްކޯގެ ހުރިހާ ސައިޓުތަކުގައިވެސް އަމަލުކުރަމުންދަނީ އެޗް.ޕީ.އޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެކުލަވާލާފައިވާ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސިޖަރތަކުގެ ދަށުންކަމަށް މިފްކޯއިން ވދާޅުވެއެވެ. އަދި އެކުންފުނީގެ މުވަައްޒަފުންގެ ރައްކާތެރިކަން ދެމެހެއްޓުމަކީ އެކުންފުނިން އެންމެ އިސްކަންދީގެ ކުރާ މަސައްކަތްކަމަށްވެސް މިފްކޯއިން ވަނީ ފާހަގަކުރައްވާފައެވެ.