ތަޢުލީމު

ވަޒީފާގެ މައިދާނަށް 3000 ޒުވާނުން ތަމްރީންކުރުމަށް ހިންގާ ޕްރޮގްރާމަށް ކުރިމަތިލާން ހުޅުވާލައިފި

ވަޒީފާގެ މައިދާނަށް 3000 ޒުވާނުން ތަމްރީންކުރުމަށް ހިންގާ ޕްރޮގްރާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ވަޒީފާގެ މައިދާނަށް ޒުވާނުން ތަމްރީން ކުރުމަށް ހިންގާ މި ޕްރޮގްރާމަކީ 2019 ވަނަ އަހަރު ސަރުކާރުން އިޢުލާންކުރި "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް"ގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިއީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ދަށުން ހިންގާ ޓިވެޓް އޮތޯރިޓީއާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ތަމްރީންދޭ މަރުކަޒުތައް ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ އެންމެ ބޮޑު މަޤްޞަދަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ޒުވާނުންގެ ތެރެއިން ހަވާސާވެފައިވާ މީހުންނާއި، ޖުމްލަކޮށް ދެޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު ހުނަރުތައް ދަސްކޮށްދިނުމެވެ. އަދި މަސައްކަތުގެ މާހައުލުގައި ޤައުމީ ފެންވަރުގެ ތަމްރީނާއި ތަޖުރިބާ ޒުވާނުންނަށް ހޯދައިދިނުމެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި މިއަހަރު 3000 ޒުވާނުން ތަމްރީންކޮށް، އެ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. މި ޕްރޮގްރާމާގުޅޭގޮތުން މަޢުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ހާޝިމް ވިދާޅުވީ، މި ތަމްރީން ޕްރޮގްރާމަކީ ޓިވެޓް އޮތޯރިޓީގެ ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑެޑްތަކާއި އެއްގޮތަށް ހިންގާ ޕްރޮގްރާމެއްކަމަށެވެ. އަދި ތަމްރީން ފުރިހަމަކޮށް ފާސްވުމުން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކުގެ ލެވެލް 3 ގެ ސެޓިފިކެޓެއް ލިބިގެންދާނެކަމަށް ހާޝިމް ވިދާޅުވިއެވެ.

މިއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައިވެރިވުމާއެކު ހިންގާ ޕްރޮގްރާމެއްކަން ފާހަގަކުރައްވާ ހާޝިމް ވިދާޅުވީ، މިހާރުވެސް 1000 ކުދިން ތަމްރީން ކުރުމަށް ބޭނުންވާ ޖާގަ ކުންފުނިތަކުން ފަހިކޮށްދީފައިވާކަމަށެވެ. އަދި 6 މަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ޒުވާނުންނަށް ލިބިގެންދާނެކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

"މި ޕްރޮގްރާމް ވެގެންދާނީ ކޮލިޓީ ހިފެހެއްޓިގެން، ފެންވަރު ބެލެހެއްޓިގެން ކޮލިފިކޭޝަނަކާއި ހަމައަށް ޒުވާނުން ގެންދެވޭ ޕްރޮގްރާމަކަށް. އަޅުގަނޑުމެން ހަމައެކަނި ނަންބަރަކަށް އެކަންޏެއް ނޫން މި ވިސްނަނީކީ. އަޅުގަނޑުމެން ބަލަނީ ރަނގަޅު ތަމްރީނެއް ދެވިގެން ވަޒީފާގެ ބާޒާރަށް ބޭނުންވާ ފެންވަރަށް ކުއްޖާ ގެނެސް، އަޅުގަނޑުމެން ބޭނުންވާ ފެންވަރަށް އެކުއްޖާގެ ހުނަރު ދަސްވެގެން ނޫނިއްޔާ އެކުދިންނަކަށް ސެޓިފިކެޓެއް ނުލިބޭނެ" ސްޓޭޓް މިނިސްޓަރ ހާޝިމް ވިދާޅުވިއެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ނާޞިޙް ރަޝީދު ވިދާޅުވީ، ސަރަހައްދީ އެހެން ޤައުމުތަކާއި އަޅާބަލާއިރު ރާއްޖޭގެ ގިނަ ޒުވާނުންނަކީ ބުރަ މަސައްކަތްކޮށްގެން ދިރިއުޅުން ބިނާކުރާ ބައެއްކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ގިނަ ޒުވާނުންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެމީހުންގެ ހުރި ހުނަރުތައް އިތުރަށް ތަރައްޤީކޮށް އެކި ދާއިރާތަކުން ކުރިއަށްދިއުމުގެ ފުރުޞަތު ހަނިވެފައިއޮތުންކަން ނާޞިޙް ފާހަގަކުރެއްވިއެވެ. އަދި "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް"އާއެކު ދިވެހި ޤާބިލު ޒުވާނުން ބިނާ ކުރުމަށް ކުރާ މަސައްކަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަން ޑެޕިއުޓީ މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މިފަދަ ޕްރޮގްރާމެއްގެ ތެރެއިން ރާއްޖޭގެ ކޮންމެ ޒުވާނަކަށްވެސް، އެއްވެސް ޒުވާނެއް ބާކީނުވެ، އެބޭފުޅަކު ދާންބޭނުންވާ ދާއިރާއަކުން އެބޭފުޅަކަށް ޢިލްމާއި ހުނަރު ލިބިގެންދާނެ. ބިދޭސީ މަސައްކަތްތެރިން ގިނަވުމާއި، މަސައްކަތުގެ އަޚްލާޤު ދަށްވުމުގެ މައްސަލައަކީވެސް ބޮޑު މައްސަލައެއް. މި ދެކަމަށްވެސް މިފަދަ ޕްރޮގްރާމެއްގެ ތެރެއިން ހައްލުތަކެއް ލިބިގެންދާނެ" ޑެޕިއުޓީ މިނިސްޓަރ ނާޞިޙް ވިދާޅުވިއެވެ.

ވަޒީފާގެ މައިދާނަށް 3000 ޒުވާނުން ތަމްރީންކުރުމަށް ހިންގާ ޕްރޮގްރާމަށް ކުރިމަތިލާން މިހާރު ހުޅުވާލާފައިވާއިރު، ގްރޭޑް 7 ނިންމާފައި ނުވަތަ 18 އަހަރު ފުރިފައިވާ ކޮންމެ ޒުވާނަކަށްވެސް މި ޕްރޮގްރާމަށް ކުރިމަތިލެވޭނެކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ. މި ޕްރޮގްރާމުގެ ތެރެއިން މަސައްކަތުގެ މައިދާނަށް ބޭނުންވާ ޢިލްމާއި ތަޖުރިބާ ދަސްކޮށްދެވިގެންދާއިރު، ޕްރޮގްރާމް ކުރިއަށްދާ 6 މަސްދުވަހު، ޕްރޮގްރާމުގެ ބައިވެރިންނަށް މަދުވެގެން 3000 ރުފިޔާގެ އެލަވެންސްއެއް ލިބޭނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. މި ޕްރޮގްރާމުގައި ވީހާވެސް ގިނަ ޒުވާނުން ބައިވެރިވުމަށް ޔޫތު މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.