ޚަބަރު

އެއަރޕޯޓަށް ދަތުރުކުރާ މައި މަގު އެއްވަރުކުރަން ތާރުއަޅަން ފަށައިފި


  • މިއީ އައު ޓަރމިނަލް ހުޅުވުމުގެ ތައްޔާރީތަކުގެ ތެރެއިން ކުރިއަށްދާ މަސައްކަތެއް

  • މިމަހުގެ 7ގެ ނިޔަލަށް ތާރުގެ މަސައްކަތް ނިންމާނެ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ހުޅުވުމަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެން ވީއައިއޭގެ މައި މަގުތައް އެއްވަރުކުރުމުގެ މަސައްކަތް މޯލްޑިވްސްޓް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ފަށައިފިއެވެ.

މިމަސައްކަތް ކުރަނީ އެމްއޭސީއެލްގެ ފެސިލިޓީސް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ، ރޯޑް އެންޑް އެއަރފީލްޑް މެއިންޓަނަންސް ސެކްޝަނުންނެވެ. މި މަސައްކަތުގެ ދަށުން މިހާރު ބޭނުންކުރާ މަގުތައް އެއްވަރުކުރުމަށް އިތުރު ތާރު ފަށަލައެއް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިއީ އައު ޓަރމިނަލް ހުޅުވުމުގެ ތައްޔާރީތަކުގެ ތެރެއިން މުހިންމު ބައެކެވެ. އެމްއޭސީއެލްއިން ވިދާޅުވީ މަގުތައް އެއްވަރުކުރުމުގެ ހުރިހާ މަސައްކަތްތައް އަންނަ ހަފްތާގެ ބުރާސްފަތިދުވަހުގެ ނިޔަލަށް ނިންމާނެކަމަށެވެ.

އެމްއޭސީއެލްއިން ވިދާޅުވީ މަސައްކަތް ކުރިއަށްދާނީ 4 ފިޔަވައްސަކަށް ބަހާލައިގެންކަމަށެވެ. ސައިޓުގައި ތާރު އެޅުމާ ގުޅޭ މަސައްކަތް ކުރިއަށްގެންދާނީ އަންނަ ހޯމަ ދުވަހާ ހަމައަށް، ކޮންމެ ދުވަހެއްގެ ރޭގަނޑު 09:00އިން ހެނދުނު 06:00އަށެވެ.

މަގުގެ މަސައްކަތް ކުރިއަށްގެންދަނީ އެއަރޕޯޓްގެ އެއްގަމު ދަތުރުތަކަށް ދަތިނުވާނެގޮތަށް އިންތިޒާމުތައް ހަމަޖައްސައިގެންނެވެ. އެގޮތުން، މި ވަގުތުތަކުގައި ޓްރެފިކް ބަލަހައްޓައި، ރައްކާތެރިކަން ކަށަވަރު ކުރުމުގައި އެމްއޭސީއެލްގެ އެސްޓޭޓް ސެކިއުރިޓީ ސަރވިސްގެ މުވައްޒަފުން ހަރަކާތްތެރިވާނެއެވެ. އޭގެ އިތުރުން ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް، މަގު ބަންދުކޮށްފައިވާ ކަމުގެ ނިޝާންތަކާއި ފާހަގަތަކާއި ބެރިއާތައްވެސް ބަހައްޓާފައި ހުންނާނެއެވެ.

އެހެންކަމުން އެއަރޕޯޓަށް ދަތުރުކުރާ ފަރާތްތަކުން މި ބަދަލުތަކަށް ސަމާލުވުމަށް އެމްއޭސީއެލްއިން އިލްތިމާސްކުރައްވައެވެ.

އައު ޓަރމިނަލް ހުޅުވާއިރު، ޓަރމިނަލް ބޭނުންކުރާ މީހުންނަށް ދަތުރުކުރުމުގައި ލުއިފަސޭހަ އިންތިޒާމުތަކެއް އެމްއޭސީއެލްއިން ހަމަޖައްސާނެއެވެ. އެގޮތުން އެއްގަމު ދަތުރުތަކާއި، ކަނޑުދަތުރުތަކަށްވެސް ފަސޭހަކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.