ޚަބަރު

ވިލުފުށީ 100 ހައުސިންގ ޔުނިޓަށް ފެނާއި ނަރުދަމާ ގުޅުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި


  • މި ހައުސިން މަޝްރޫޢު ފެށީ 2011ވަނަ އަހަރު

  • މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، މިހާރު ވަނީ ނިމުމަކާ ގާތްވެފައި

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

ވިލުފުށީގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ފާރިސް ޔޫސުފެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އާރިފެވެ.

ވިލުފުށީގައި 100 ހައުސިން އެޅުމުގެ މަސައްކަތަކީ، 2011ވަނަ އަހަރު ނޫމަޑިއާ ހަވާލުކޮށްގެން ފެށި މަޝްރޫޢެކެވެ. ނަމަވެސް އެކިސަބަބުތަކާހުރެ އެ މަޝްރޫޢުގެ މަސައްކަތް އޮތީ ހުއްޓިފައެވެ.

މިމަޝްރޫޢުގެ މަސައްކަތްތައް ނިންމުމަށް 2021 ވަނަ އަހަރު ވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ. އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރީ އެ ރަށުގައި އިމާރާތް ކުރަން ފަށާފައިވާ 64 ހައުސިން ޔުނިޓުގައި ނުނިމި ހުރި ހުރިހާ މަސައްކަތްތައް ނިންމުމަށާއި އޭރު މަސައްކަތް ފަށާފައިނުވާ 36 ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް ނިންމުމަށެވެ.

ހައުސިންގ ޔުނިޓުތަކުގެ އިމާރާތްކުރާތްކުރުމާ ގުޅޭ މަސައްކަތްތައް މިހާރު ވަނީ ނިންމާފައެވެ. ނަމަވެސް ގެތަކަށް މީހުންނަށް ވަދެވެން އަންނަނީ ޔުޓިލިޓީ ޚިދުމަތްތަކުގެ މަސައްކަތް ނިމުމުންނެވެ.

ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ފެނާއި ނަރުދަމާ ވިއުގަ ގުޅާ، ޚިދުމަތް ދިނުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފަވަނީ 13،809،463.64 ( ތޭރަ މިލިޔަން އަށްސަތޭކަ ނުވަ ހާސް ހަތަރުސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ ފަސްދޮޅަސް ހަތަރު) ލާރިއަށެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 8 މަސް ދުވަހުގެތެރޭގައި ނިންމުމަށެވެ.