ތިމާވެށި

ގްރީން ކްލައިމެޓް ފަންޑުން 23.6މިލިޔަން ޑޮލަރުގެ އެހީއެއް ދީފި


އިރުވައި މޫސުމުގައި ރާއްޖޭގެ ބައެއް ރަށްރަށަށް ދިމާވާ ބޯފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢަށް 23.6 މިލިޔަން ޑޮލަރުގެ އެހީއެއް ދޭން ގްރީން ކްލައިމެޓް ފަންޑުން ރޭ ނިންމައިފިއެވެ. އިރުވައި މޫސުމުގައި ރާއްޖޭގެ ބައެއްރަށްރަށަށް ދިމާވާ ބޯފެނަށް ޖެހުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ރާއްޖެއަށް ދިމާވާ ބޯފެނުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން ކުރާ މަސައްކަތްތަކާއި ގުޅޭ ގޮތުން ޕީއެސްއެމްއާ ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤު އިބްރާހިމް ވިދާޅުވީ، ގްރީން ކްލައިމެޓް ފަންޑުން ދިން ހިލޭ އެހީގެ ދަށުން ރާއްޖެ 49 ރަށެއްގައި އެކި މަޝްރޫޢުތައް ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ. މި 49 ރަށުގެ ތެރެއިން 4 ރަށެއްގައި ފުރިހަމަ ފެނުގެ ނެޓްވޯކެއް ޤާއިމް ކުރެވޭނެކަށް މިނިސްޓަރ ވިދާޅުވިއެވެ. އިރުވައި މޫސުމުގައި ބޯފެނަށް ޖެހުމުގެ މައްސަލަ ރާއްޖޭގެ ގިނަ ރަށްތަކަށް ކުރިމަތިވަމުންދާތީ މިކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ގިނަ ރަށްރަށުގައި ވާރޭފެން ނަގައި ރައްކާކުރުމުގެ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ސާފު ބޯފެނުގެ ނިޒާމެއް ޤާއިމްކުރުމުގެ މަޝްރޫއަކީ ރައީސް ޔާމީންގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ މަޝްރޫއެއްކަމަށާއި، މި މަޝްރޫއުގެ މަސައްކަތް ފެށުމަށް ހަަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި ކަމަށެވެ. މި މަޝްރޫގެ ދަށުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރޭގައި ފެންރައްކާކުރެވޭ ނިޒާމް ހަރުދަނާކުރުން އިިތުރުކުރުމާއި، ލޮނުފެން މީރުފެނަށް ހަދާ ނިޒާމް ނުވަތަ ޑިސެލިނޭޝަން ޕްލާންޓް ބައެއް ރަށްރަށުގައި ބެހެއްޓުން ހިމެނެއެވެ. އަދި ފެނާއި ގުޅޭ ދާއިރާތަކުން އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް ބޭނުންވާ މިންގަޑުތަކާއި އުސޫލުތައް ތައްޔާރުކުރުމުގެ މަސައްކަތްވެސް މިމަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާކަމަށް އެވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.ގްރީން ކުލައިމެޓް ފަންޑަކީ މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ ގެއްލުންތައް ކުޑަކުރުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ފައިސާގެ އެހީ ދިނުމަށް  ގާއިމް ކޮށްފައިވާ ފަންޑެކެވެ. މި ފަންޑަށް ފައިސާ ދެނީ ކުރިއަރާފައިވާ ދުނިޔޭގެ ގައުމުތަކުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ގްރީން ކްލައިމެޓް ފަންޑުގެ އެހީ ހޯދުމަށް 37 ގަައުމަކުން ޕްރޮޕޯޒަލް ހުށަހަޅާފައިވާކަމަށާއި، މި 37 ގައުމުގެ ތެރެއިން އެހީ ދިނުމަށް ބޯޑަށް ހުށަހެޅިފައިވަނީ އަށް ގައުމެއް ކަމަށް މައުލޫމާތުލިބިފައިވެއެވެ. ރާއްޖެ ހިމެނިފައިވަނީ ގްރީން ކްލައިމެޓް ފަންޑުގެ އެހީ ލިބުނު ފުރަތަމަ ޤައުމުތަކުގެ ތެރޭގައެވެ.